ކީރިތި ރަސޫލާ މުޙައްމަދު ﷺ ދުނިޔެ އަށް އުފަންވެވަޑައިގަތުމަކީ އިންސާނިއްޔަތު އަލުން ބައްޓަންކުރުމަށް ލިބުނު ތާރީޚީ ފުރުސަތެކެވެ. ޖާހިލިއްޔަތާއި ހަރުކަށިކަމުގެ އަނދިރިކަމުގެ ތެރެއިން ތަހުޒީބާއި އަދުލުވެރިކަމުގެ އަލިކަމގެ ތެރެއަށް ނެރުއްވައިދިން ބޮޑު އިންގިލާބެކެވެ. އެކަލޭގެފާނުގެ މަތިވެރިކަން އެންމެ ފާޅުކަން ބޮޑުކޮށް ބަޔާންކޮށްފައިވަނީ ކީރިތި ޤުރްއާނުގައި އެކަލޭގެފާނަކީ މަތިވެރި ޚުލުގުފުޅެއްގެ މަތީގައިވާ ބޭކަލެއްކަން ފާހަގަކުރައްވަމުންނެވެ.

ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ ޚުލްގުފުޅަކީ ޤުރުއާނެވެ. މިކަން އެކަލޭގެފާނުގެ ވަރަށް ގިނަ ޚުލުގުފުޅުތަކުން ފެނިގެން ދެ އެވެ. 

އިންސާނުންނާއި ޖަނަވާރުންނަށް ވެސް އޯގާތެރިވުން 

ކީރިތި ރަސޫލާ ﷺ ގެ އޯގާތެރިކަމަކީ ހަމައެކަނި ވަގުތީ ޖަޒުބާތުފުޅެއް ނޫނެވެ. ނަމަވެސް އެއީ ދުޝްމަނުންނާއި ނިކަމެތިންނާއި ޖަނަވާރުން ވެސް ޝާމިލްވި އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ މަންހަޖެކެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ، ޠާއިފަށް ވަޑައިގެންނެވި ދުވަހު، އެކަލޭގެފާނަށް ނުހައްގުން ބޮޑެތި އަނިޔާތަކެއްދީ، އެ ރަށުގެ މީހުން ކުޑަކުދިންނާއި މޮޔައިން ލައްވައި އެކަލޭގެފާނުގެ ދެފައިންޕުޅުން ލޭ އޮހޮރެންދެން ހިލަ އުކި ހިނދު އެކަލޭގެފާނުގެ އޯގާތެރިކަން އެންމެ ފުރިހަމަ އަށް ފާޅުވުމެވެ. 

ފަރުބަދަތަކުގެ މަލާއިކަތާ ވަޑައިގެން އެ މީހުންގެ މައްޗަށް ދެ ފަރުބަދަ (އަލްއަޚްޝަބައިން) ފުރޮޅާލެއްވުމަށް ހުށަހެޅުއްވުމުން، ރަސޫލާ ﷺ އެކަމާ ކަނޑައެޅިގެން ދެކޮޅު ހެއްދެވި އެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު އިސްކުރެއްވީ އެ ރަށުގެ މީހުންނަށް ހިދާޔަތަށް އެދިވަޑައިގަތުމެވެ. މޫނުފުޅުން ލޭ ފޮއްސަވަމުން އެކަލޭގެފާނު ހަދީސް ކުރެއްވީ އެކަލޭގެފާނު އެދިވަޑައިގަންނަވަނީ އެ މީހުންގެ ދަރިކޮޅުން ﷲ އަށް ޝަރީކު ނުކޮށް، އެކަލާނގެ އަށް އެކަނި އަޅުކަން ކުރާނެ ބަޔަކު ނެރުއްވުމަށް ކަމަށެވެ.

އެކަލޭގެފާނުގެ އޯގާތެރިކަން އިންސާނުންގެ އިމުން ބޭރަށް ގޮސް ޖަނަވާރުންނަށް ވެސް ފޯރި އެވެ. މިގޮތުން އަންސާރިއްޔަ ބޭކަލެއްގެ ދަނޑަކަށް ވަދެވަޑައިގެންނެވި ހިނދު ކަރުނަ އަޅައި އޮތް ޖަމަލެއް ފެނިވަޑައިގެން އޭގެ އަރިހަށް ގޮސް އޭގެ ކަންފަތުގެ ފަހަތުގައި ފިރުމާލެއްވި އެވެ. ނަތީޖާއެއްގެ ގޮތުން އޭތީގެ ރުއިން ހުއްޓުނެވެ. އަދި އެ އަށް ފަހު އެ ޖަމަލުގެ ވެރިމީހާ އަށް ނަސޭހަތް ދެއްވި އެވެ. އެ ޖަމަލު ބަނޑަށް ޖައްސައި، ނުހައްގުން ބުރަ މަސައްކަތް ކުރުވާ ކަމަށް އޭތި ޝަކުވާ ކޮށްފި ކަމާއި ﷲ މިލްކުކޮށްދެއްވި މި ޖަނަވާރާމެދު ﷲ އަށް ބިރުވެތިވާން ޖެހޭނެކަން އެމީހާއަށް ނަބިއްޔާ ﷺހަނދާން ކޮށްދެއްވި އެވެ. 

ބާރެއް ލިބިވަޑައިގެންފައި އޮތަސް މާފުކުރެއްވުމާއި ކޯފާ އިސްނުކުރެއްވުން 

ނުބައިކޮށް ކަންތައް ކުރުމާއި ހަރުކަށިކަމުގެ ކުރިމަތީގައި އިހުސާންތެރިކަމާއި މާފުކުރުން އިސްކުރައްވައި ރަސޫލާ ﷺ ވަނީ މީސްތަކުންގެ ހިތްތައް ފަތަހަ ކުރައްވައިފަ އެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، އައުރާބީއަކު ކީރިތި ރަސޫލާ ﷺ ގެ ކަނދުރާފުޅުގައި ނިޝާން ޖެހޭ ވަރަށް އެކަލޭގެފާނުގެ ރިދާކޮޅުގައި ހިފައި ވަރަށް ބާރަށް ދަމައިގަނެ، ހަރުކަށި އިބާރާތުން މުދަލަށް އެދުނު ހިނދު، ކީރިތި ރަސޫލާ ﷺ ހިނިތުންވެވަޑައިގަތުމާއި އެ މީހާ އަށް މުދާ ދެއްވުމެވެ. އެކަލޭގެފާނުގެ ޖާހަށްޓަކައި ބޮޑާވެ ވަޑައެއް ނުގަންނަވަ އެވެ. އަދި ކޯފާ ވެސް އިސްނުކުރައްވަ އެވެ. އެކަލޭގެފާނުގެ މާފުކުރެއްވުމާއި ކޯފާ އިސްނުކުރެއްވުން ހާމަވާ އަނެއް ކަމަކީ އަނިޔާ ކުރުމާއި ބައިބައިކޮށް އެކަހެރި ކުރުމާއި ހަނގުރާމަ ކުރުމާއި ސަހާބީންނާއި ތިމާގެ ބޭފުޅުން ޝަހީދުކުރުން ފަދަ ކަންކަމުގައި 21 އަހަރު ދެމިގެން ދިއުމަށް ފަހު މައްކާ ފަތަހަ ކުރެއްވި ދުވަހު އެކަލޭގެފާނު ދެއްވި އަފޫއާންމެވެ.

ބަދަލުހިފުމުގެ ހުކުމަކަށް އިންތިޒާރު ކުރަމުން ދިޔަ ގުރައިޝުންގެ ބޮޑުންގެ ކުރިމަތީގައި އެކަލޭގެފާނު ކަން ކުރައްވާނީ ކިހިނަކުންތޯ އެ މީހުންނާ ސުވާލު ކުރެއްވި އެވެ. އެ މީހުން ޖަވާބުގައި ބުނީ އެކަލޭގެފާނަކީ ދީލަތި އަޚެއްގެ ދަރި ދީލަތި އަޚެއް ކަމަށެވެ. އެ ހިނދު އިންސާނީ ހައްގުތަކާއި އޯގާތެރިކަމުގެ ބިންގަލެއް އަޅުއްވައި ދެއްވަމުން އެކަލޭގެފާނު އެ މީހުން މިނިވަން ކޮށްދެއްވި އެވެ.  

ހިތްތިރިކަމާއި އުންމަތުގެ ދަތިތަކުގައި ބައިވެރިވެވަޑައިގަތުން

ކީރިތި ރަސޫލާ ﷺ ގެ ހިތްތިރިކަން ދަތި އުނދަގޫ ވަގުތުތަކުގައި ސަހާބީންނާ އެކު އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުންނާއި ވެރިއަކަށް ވީތީ ބޮޑާވެ ވަޑައިގަތުމުން މުޅިން ދުރުހެލިވެވަޑައިގަތުން ފަދަ ކަންކަމުން ފެނިގެންދިޔަ އެވެ.

މިގޮތުން އަހުޒާބު ހަނގުރާމައިގެ ނުރައްކާތެރި ހާލަތާއި ފިނި މޫސުމާއި ހައިހޫނުކަމާއި ތަދު ދުވަސްތަކުގައި އެކަލޭގެފާނު އެކަހެރިވެ ވަޑައިނުގަންނަވަ އެވެ. ޚަންދަގު ކޮނުނު އިރު ހިލަތައް ތަޅުއްވައި ބުރަކަށިފުޅުމަތީގައި ވެލި އުފުއްލެވި އެވެ. ހައިހޫނު ދުވަސްވަރު ސަހާބީން ބަނޑުފުޅުގައި އެއް ހިލަ ބަންނަވައިގެން ތިއްބެވިއިރު، ރަސޫލާ ﷺ ބަނޑުފުޅުގައި ދެ ހިލަ ބަންނަވާފައި ހުއްޓެވެ.

ރަސޫލާ ﷺ ގެ ހިތްތިރިކަން ފެނިގެން ދިޔަ އެހެން ހާދިސާއަކީ އެކަލޭގެފާނުގެ ހައިބަތަށްޓަކައި ތުރުތުރު އަޅަމުންދިޔަ މީހަކު ފެނިވަޑައިގަތުމުން އެ މީހާގެ ގައިގައި ފިރުމާލައްވަމުން ހިތްހަމަޖެހިލަން ހުންނަން އެ މީހާގެ ގާތުގައި ދެންނެވުމެވެ. އެކަލޭގެފާނު ހަދީސް ކުރެއްވީ އެކަލޭގެފާނަކީ ރަސްކަލެއް ނޫން ކަމާއި އަދި އަނިޔާވެރިއެއް ވެސް ނޫން ކަމަށެވެ. ނަމަވެސް އެއީ މައްކާގައި ހިއްކި (އެއްގަމު) މަސް ކައި އުޅުއްވި ގުރައިޝް ވަންހައިގެ އަންހެނެއްގެ ދަރިއެއް ކަމަށެވެ. މިކަމުން ދައްކުވައިދެނީ އެކަލޭގެފާނަކީ ފަންތި އަށް ލޯބި ނުކުރައްވާ ހިތްތިރި ބޭކަލެއް ކަމެވެ. 

އަދުލުވެރިކަމާއި ގިސާސަށް ފުރުސަތު ދެއްވުން

ކީރިތި ރަސޫލާ ﷺ ގެ އަދުލުވެރިކަން އެންމެ ބޮޑަށް ހާމަވާ އަނެއް ހާދިސާ އަކީ މަޚުޒޫމީ އަންހެނަކު ވައްކަން ކުރުމުން އުގޫބާތް ލުއި ކޮށްދިނުމަށް އުސާމަތުގެފާނު މެދުވެރިކޮށް ގުރައިޝުން ޝަފާއަތްތެރިވާން އުޅުމުން، ރަސޫލާ ﷺ އިންތިހާ އަށް ކޯފާވެ ވަޑައިގަތުމެވެ. އަދި އަދުލުވެރިކަމުގެ މުހިންމު އަސާސެއް އިއުލާން ކުރައްވަމުން ﷲ ގަންދެއްވައި އެކަލޭގެފާނު ވިދާޅުވީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވި ނަމަވެސް އެކަމަނާގެ އަތްޕުޅު ކަނޑުއްވާނެ ކަމަށެވެ. 

ރަސޫލާ ﷺ ގެ އަދުލުވެރިކަން ހާމަވާ އެހެން ހާދިސާ އަކީ ބަދުރު ހަނގުރާމައިގެ ސަފުތައް ސީދާ ކުރައްވަނިކޮށް، ސަހާބީއެއްގެ ބަނޑުފުޅުގައި އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ދަނޑިކޮޅުން މަޑުމަޑުން ޖެހުނު ހިނދު ހިނގި ހާދިސާ އެވެ. އެ ބޭފުޅާ ގިސާސް ހިއްޕަވަން އެދިވަޑައިގަތުމުން ރަސޫލާ ﷺ ވަގުތުން ބަނޑުފުޅު ކަޝްފު ކުރައްވައި ގިސާސަށް ފުރުސަތު ދެއްވި އެވެ.  

އަމާނާތްތެރިކަމާއި ވަފާތެރިކަން

އަމާނާތްތެރިކަމަކީ ނަބީކަމުގެ ކުރިންނާއި ފަހުން ވެސް ރަސޫލާ ﷺ ގެ ސިފަފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއްސިފަ އެވެ. އެކަލޭގެފާނު ޤުރައިޝުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ "އައްޞާދިޤުލް އަމީން" (ތެދުވެރި އަމާނާތްތެރިޔާ) ގެ ނަމުންނެވެ.

އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ވަފާތެރިކަން ހާމަވާ އެއް ހާދިސާއަކީ ޤުރައިޝުންގެ ދުއްތުރާތަކާ ހެދި މަދީނާ އަށް ހިޖުރަ ކުރެއްވި ރޭ އެކަލޭގެފާނު އަވަހާރަ ކޮށްލަން މުޝްރިކުން ރާވަމުން ދިޔައިރު ވެސް މައްކާއިން ނުކުމެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ ކަންބޮޑުވުމެއް ކަމުގައި މުޝްރިކުން އެކަލޭގެފާނުގެ ހަވާލުގައި ބަހައްޓާފައި ހުރި އަމާނާތްތައް ރައްދު ކޮށްދެއްވުމަށް ޢަލީގެފާނާ ހަވާލު ކުރެއްވުމެވެ. 

ފުރިހަމަ އަޚުލާގީ ނަމޫނާއެއް

އިސްވެ ބަޔާން ކުރެވުނު ކަންކަމުގެ އިތުރުން ވެސް އެކަލޭގެފާނުގެ ކިބައިން ރިވެތި އަޚުލާގުގެ އެހެން ސިފަތައް ފެނިގެން ދިޔައީ އަޚުލާގުގެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގަ އެވެ. އެކަލޭގެފާނުގެ ދީލަތިކަމަކީ ފަގީރުވެދާނެ ކަމަށް ބިރުވެތި ނުވާ މީހެއްގެ ދީލަތި ކަމެވެ. 

މުޝްރިކަކަށް ބަކަރިން ފުރިފައިވާ ވާދީއެއް އެކަލޭގެފާނު ހަދިޔާ ކުރެއްވި އެވެ. އެކަލޭގެފާނުގެ ދީލަތިކަން ފެނި އެ މީހާ އިސްލާމްވެ، އޭނާގެ ގައުމުގެ މީހުން ވެސް އިސްލާމްވުމަށް ދައުވަތު ދިނެވެ. އެކަލޭގެފާނަކީ ހިތްވަރުގަދަ ކަމާއި ސާބިތުކަން މަތީ ހުންނަވާ ބޭފުޅެކެވެ. ހަނގުރާމަ ގަދަވާ ވަގުތުތަކުގައި ސަހާބީން ވެސް ރައްކާތެރިކަން ހޯއްދަވަނީ އެކަލޭގެފާނުގެ ފަރާތްޕުޅުންނެވެ. 

ޢަލީގެފާނު ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ ނުރައްކާތެރިކަން ބޮޑުވާ ހިނދު އެ މީހުން ނިވާ ވަނީ ރަސޫލާ ﷺގެ ފަހަތްޕުޅުގަ އެވެ. ހުނައިނު ހަނގުރާމައިގައި ލަޝްކަރު ފަހަތަށް ޖެހުނު ވަގުތު ވެސް އެކަލޭގެފާނު އެކަނިމާއެކަނި ސާބިތުވެ ހުންނެވި  އެވެ.

އެކަލޭގެފާނަކީ ޒުހުދުވެރި ބޭކަލެކެވެ. މުޅި އަރަބިކަރަ އެކަލޭގެފާނުގެ ބާރުގެ ދަށަށް އައިސް ދުނިޔޭގެ މުއްސަނދިކަން ކުރިމަތީގައި އޮތް ނަމަވެސް އެކަލޭގެފާނު އިހުތިޔާރު ކުރެއްވީ އާދައިގެ ދިރިއުޅުއްވުމެކެވެ. ކަދުރު ރުކުގެ ފަނުން ވިޔެފައިވާ އައްޓެއްގައި އަވަހާރަފުޅަށް އޮންނެވުމުގެ ސަބަބުން ބުރަކަށިފުޅުގައި ނިޝާން ހުރެ އެވެ. ކިސްރާ އާއި ގައިސަރުގެ ދުނިޔަވީ އުފާތަކާ އަޅާކިޔުއްވައި އުމަރުގެފާނު ހިތާމަ ކުރެއްވި ހިނދު ރަސޫލާ ﷺ ހަދީސް ކުރެއްވީ "އެ މީހުންނަށް ދުނިޔެ އަދި ތިމަންމެންނަށް އާހިރަތް ލިބުމަށް ކަލޭގެފާނު ރުހިވަޑައި ނުވަން ހެއްޔެވެ؟" މިފަދައިންނެވެ.

އެކަލޭގެފާނަކީ ވަފާތެރި ބޭކަލެކެވެ. އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވިތާ އެތައް އަހަރެއް ފަހުން ވެސް އެކަމަނާ އަށް ވަފާތެރިވެވަޑައިގަތެވެ. އެކަމަނާގެ ރައްޓެހިންނަށް ކާތަކެތި ފޮނުއްވައި އެކަމަނާގެ ހަޔާތްޕުޅުގައި ޒިޔާރަތްކުރި މުސްކުޅި އަންހެނުންނަށް ކަމޭހިއްތަވަމުން ހަދީސް ކުރެއްވީ "ވަފާތެރިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް" ކަމުގަ އެވެ. 

މިހެން ގޮސް ކީރިތި ނަބިއްޔާގެ ޚުލުގުފުޅު އަންގައިދޭ އެތައް ހާދިސާއެއް ގެނެވިދާނެ އެވެ. ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ހާދިސާގެ ހަނދާންތައް އައު ކުރާއިރު އެންމެ މުހިންމީ އެކަލޭގެފާނުގެ ޚުލުގުފުޅުން ނަމޫނާ ލިބިގަނެ އަމިއްލަ ނަފުސާއި މުޖުތަމައު އިސްލާހު ކުރުމަށްޓަކައި ރިވެތި އަޚުލާގުތައް ތަތުބީތު ކުރަމުންނެވެ.