އިސްލާމީ ނަޒަރުން ބަލާއިރު ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ދެފަރާތުން ވެސް ބައިވެރިވާން ޖެހޭ ހައްގުތަކެއް ވެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ސީދާ އަނެކާގެ ބަދަލުގައި އަނެކާގެ އާއިލާ މީހުންނަށްޓަކައި އަދާކޮށްދޭން ޖެހޭ ހައްގަކަށެވެ. އެއީ އަނެކާގެ އާއިލާގެ މީހުންނާ މެދު ހެޔޮގޮތުގައި މުއާމަލާތު ކުރުމެވެ. 

އަނެކާގެ އާއިލާ މީހުންނާ ބައްދަލު ކުރުމުގައި އިސްލާމީ އަދަބުތަކަށް ސަމާލުވުން 

ދެމަފިރިން އެކަކު އަނެކަކުގެ އާއިލާ މީހުންނަށް ހެޔޮކޮށް ހިތުމުގައި ހިމެނޭ އެއްކަމަކީ އަނެކާގެ އާއިލާގެ މީހުންނާ ބައްދަލު ކުރުމުގައި އިސްލާމީ އަދަބުތަކަށް ރައްކާތެރި ވުމެވެ. ސަމާލުވާންޖެހޭ އެއްކަމަކީ އެ މީހުންނާ ބައްދަލު ކުރުމުގެ ކުރިން އިޒުނަ ހޯދުމެވެ.

މާތް ﷲ އަންގަވަނީ ގޭގޭގެ ފުރަގަހުން ވަދެ އުޅުމަކީ ހެޔޮކަމެއް ނޫން ކަމުގަ އެވެ. އެހެނެއް ކަމަކު، ހެޔޮ މީހާއަކީ ﷲ އަށް ތަގުވާވެރި ވެއްޖެ މީހެއް ކަމަށެވެ. އެހެންކަމުން ގޭގެ އަށް ވަންނައިރު އެ ގޭގެ ދޮރުދޮރުން ވަދެ އުޅުމަށެވެ (އަލްބަޤަރާ 189).

އައްނޫރު ސޫރަތުގެ 27 ވަނަ އާޔަތުގައި އަންގަވަނީ އަމިއްލަ ގޭގޭ ފިޔަވައި އެހެން ގޭތަކަށް ވަންނައިރު އިޒުނަ ހޯދައި އެ ގޭގެ އަހުލުންނަށް ސަލާމްކޮށްފައި ނޫނީ ނުވަނުމަށެވެ. އަދި ވަނުމުގެ އިޒުނަ ދެވެން ނެތް ކަމަށް އިޖާބަ ލިބިއްޖެ ނަމަ އެނބުރި ދިއުމަށެވެ. މީގެ އިތުރުން ގެޔަކަށް ވަންނަ ނަމަ ﷲ ގެ ހަޒުރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން އަމިއްލަ ނަފުސުތަކަށް ސަލާމް ކުރުމަށް ވެސް ގުރްއާނުގައި އަންގަވާފައި ވެ އެވެ (އައްނޫރު 61). އަދި ކުޑަކުދިން ބޮޑުވެ ބާލިޣު ވީމާ އެ ހިސާބުން އެ ކުދިން ވެސް ގޭގެ އަށް ވަންނައިރު އިޒުނަ ހޯދަން އަންގަވާފައި ވެ އެވެ (އައްނޫރު 59).

ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައި ވަނީ ތިން ފަހަރަކު އިޒުނަ އަށް އެދިފައި އިޒުނަ ނުލިބިއްޖެ ނަމަ އެނބުރި ދިއުމަށެވެ (ބުޚާރީ އާއި މުސްލިމް). އެކަލޭގެފާނު ބަޔާން ކުރައްވާ ގޮތުގައި އިޒުނަ ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ ހުއްދަ ނޫން ބެލުންތަކުން ރައްކާތެރި ވުމެވެ (ބުޚާރީ އާއި މުސްލިމް). 

ކީރިތި ރަސޫލާ ވަނީ މިކަން އަމަލީ ގޮތުން ތަންފީޒު ކުރައްވައިފަ އެވެ. ސަލާމް ނުގޮވައި ވަންނަން އުޅުނު މީހަކަށް ނަބިއްޔާ ﷺ ގެ ހާދިމު ލައްވައި ދަސްކޮށްދެއްވައި އެއާ އެއްގޮތަށް އަމަލު ކުރުވި އެވެ (އަބޫދާއޫދު). އަދި އެހެން ހާދިސާއެއްގައި ކަލްދަތު ބުނު ޙަންބަލު ނަބިއްޔާގެ ގެކޮޅަށް ސަލާމް ނުގޮވައި ވަދެވަޑައިގަތުމުން ނަބިއްޔާ ﷺ އަމުރު ކުރެއްވީ އެނބުރި ބޭރަށް ނުކުންނަވައި ސަލާމް ގޮވާލައި އިޒުނައަށް އެދުމަށެވެ (އަބޫދާއޫދާއި ތިރުމިޛީ). 

ދެމަފިރިން އަނެކާގެ އާއިލާ މީހުންނާ ބައްދަލުކުރާއިރު ތަބާވާންޖެހޭ އިސްލާމީ ދެވަނަ އަދަބަކީ އަންހެނުންނާއި ފިރިހެނުން އެއްވެ އުޅޭއިރު ފިތުނަ އަށް ޖާގައެއް ލިބިދާނެ ކަންކަމުން ދުރުހެލިވުމެވެ. އިސްލާމީ އާންމު އުސޫލަކީ އެކިއެކި ބޭނުންތަކަށްޓަކައި އެ ބޭނުމަކަށް ކޮންމެހެން ލާޒިމުވާ މިންވަރަށް ނޫނީ އާންމުކޮށް އަންހެނުންނާއި ފިރިހެނުން އެއްވެ ނޫޅުމެވެ. 

މިހެންވެ ކީރިތި ނަބިއްޔާ ﷺ މިސްކިތުން ފައިބައި ވަޑައިގެން މަގުމަތިން ވަޑައިގަންނަވާއިރު ވެސް ދެޖިންސުގެ މީހުން މަސްހުނިވެދާނެތީ އަންހެންވެރިން މަގުގެ އެއްފަރާތުން ވަކިން ދިއުމަށް އިރުޝާދު ދެއްވި އެވެ (އަބޫދާއޫދާއި އިބްނު ޙިއްބާން). އަދި ފިރިހެނުންނަށް ވުރެ ކުރިން އަންހެންވެރިން ނުކުމެ ދިއުމަށް ވަގުތުކޮޅެއް ދެއްވުމުގެ ގޮތުން އެކަލޭގެފާނު ނަމާދު ކުރައްވައި ސަލާމް ދެއްވުމަށް ފަހު އިރުކޮޅަކު މަޑު ކުރައްވަ އެވެ (އަހުމަދު، ބުޚާރީ، އަބޫދާއޫދު).

އިބްނު ހަޖަރު ވިދާޅުވާ ގޮތުގައި ގޭތެރޭގައި ވެސް މި އުސޫލު ގެންގުޅެން ޖެހެ އެވެ. މިއަށް އިތުރަށް ބާރު ލިބެނީ ހުސް އަންހެނުން ތިބޭ ތަންތަނަށް ނުވަނުމަށް ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައި ވުމުންނެވެ. އަދި މިއާ ގުޅިގެން އަންސާރުންގެ ބޭކަލަކު "ޙަމޫ" އިން ކަމުގައި ވިއަސް ހެއްޔޭ ސުވާލު ކުރެއްވުމުން ރަސޫލާ ޖަވާބުގައި "ޙަމޫ އިންނަކީ މަރު" ކަމަށް ހަދީސް ކުރެއްވުމެވެ. (ބުޚާރީ އާއި މުސްލިމް). 

މި ހަދީސްގައި އެބަޔާން ކުރާ "ޙަމޫ" އަކީ ފިރިމީހާގެ ފަރާތު ފިރިހެން ގާތްތިމާގެ މީހުންނެވެ. މިސާލަކަށް ފިރިމީހާގެ އަހުންނާއި އަހުންގެ ފިރިހެން ދަރިންނާއި ބޮޑުބޭބެއިންނާއި އެ މީހުންގެ ފިރިހެން ދަރިން ފަދަ މީހުންނެވެ. އަނބިމީހާ ފަރާތު އަންހެން ތިމާގެ މީހުން ވެސް ގިޔާސް ކޮށްގެން މި ހަދީސްގެ މާނައިގެ ތެރެއަށް ވަންނާނެ އެވެ. ދެން ހަދީސްގައި "މަރު" ކަމަށް އެ ބުނަނީ މީހާ ގެއްލި ހަލާކުވެގެން ދިއުމަށެވެ. އެހެނީ ދެމަފިރިންގެ އާއިލާގެ ތެރޭގައި އަނެކާ އަށް ކައިވެނި ހަލާލުވާ ވަރަށް ގިނަ މީހުން ތިބޭ އިރު އެ މީހުންނާ ބައްދަލުވެ އުޅުމުގައި ބަލަންވާ ކަންކަމަށް ނުބަލައިފި ނަމަ ފިތުނައަކަށް ޖާގަ ލިބިދާނެތީ އެވެ. 

ތިމާގެ މީހުން ވީމާ މިކަމުގެ ނުރައްކާ ބޮޑުވަނީ ގާތް ބައެއް ކަމަށް ބެލެވިގެން އެކަން އެހާ ބޮޑަށް ހުއްޓުވަން ނޫޅޭނެތީ އެވެ. ވީމާ މިކަމުން ސަލާމަތް ވުމަށްޓަކައި އަނެކާގެ އާއިލާ މީހުންނާ ބައްދަލުވާ އިރު އެ ތަނުގައި މަހުރަމުން ތިބުން ވަރަށް މުހިންމެވެ. މަހުރަމުންނާ އެކުގައި ނަމަ އިސްތިސްނާ އޮވެ އެވެ (ބުޚާރީއާއި މުސްލިމް). 

ދެމަފިރިން އެކަކު އަނެކަކުގެ އާއިލާ މީހުންނާ ބައްދަލުކުރާއިރު ތަބާވާން ޖެހޭ އިސްލާމީ ތިންވަނަ އަދަބަކީ އިސްލާމީ ހަމަތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެދުން އެޅުމެވެ. މީގެ ތަފުސީލުތައް ކުރީގެ ލިޔުމެއްގައި ބަޔާން ކުރެވިފައިވާނެ އެވެ. އޭގެ ހުލާސާ އަކީ ހެދުން އެޅުމުގައި އައުރަ ނިވާކުރުމާއި ގަޔަށް ބާރު ނުވުމާއި ތުނިވެގެން އެތެރެ ނުފެނުމާއި ނުބައި ވިސްނުމަށް ބާރު ލިބޭގޮތަށް ހެދުން ފަރުމާ ނުކުރުން ފަދަ ކަންކަމެވެ. 

އަނެކާގެ އާއިލާ މީހުންނަށް އިހުސާންތެރިވުން 

ދެމަފިރިން އެކަކު އަނެކަކުގެ އާއިލާ މީހުންނާ މެދު ހެޔޮގޮތުގައި މުއާމަލާތު ކުރުމުގެ ގޮތުން ކުރަންޖެހޭ އަނެއް މުހިންމު ކަމަކީ ދެފަރާތުގެ އާއިލާގެ މީހުންނަށް އިހުސާންތެރިވުމެވެ. އެބަހީ ހެޔޮކޮށް ކަންތައް ކޮށްދިނުމެވެ.

އިހުސާންތެރިވާންޖެހޭ އެންމެ އިސް ފަރާތަކީ މައިންބަފައިންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތަން ކީރިތި ގުރްއާނުގައި ސަރީހަ ބަހުން ހައެއްކަ އާޔަތެއްގައި އަމުރު އޮވެ އެވެ. (އަލްބަޤަރާ 83، އައްނިސާއު 36). މި އަމުރުތައް އައިސްފައިވަނީ ﷲ އަށް އަޅުކަން ކުރުމަށް ނުވަތަ ﷲ އަށް ޝަރީކު ނުކުރުމަށް އޮންނަ އަމުރާ ގުޅުވައިފަ އެވެ. މީގެ އިތުރުން އެކަމަށް ވަސިއްޔަތް ކޮށްފައި ވެ އެވެ (އަލްއިސްރާއު 23-24). އިހުސާންތެރިކަން އޮންނަން ޖެހޭ މިންވަރު ބަޔާން ކޮށްފައި ވެ އެވެ (ލުޤްމާން 15).

މައިންބަފައިންނަށް ހެޔޮކޮށް ހިތަން މި އޮތް އަމުރު ތަންފީޒު ކުރުމަށް ދެމަފިރިން އެކަކު އަނެކަކަށް ފަހިކޮށްދޭން ޖެހޭނެ އެވެ. އަދި ދެމަފިރިން ކުރެ ކޮންމެ މީހަކު ވެސް އަނެކާގެ މައިންބަފައިންނާ ދޭތެރޭ ހެޔޮކޮށް ހިތަން ވާނެ އެވެ. ހަމަ ތިމާގެ މައިންބަފައިން ގޮތަށް ބަލައިގެންނެވެ. 

އިހުސާންތެރިވާންޖެހޭ ދެވަނަ ބަޔަކީ ދެން ތިބި ގާތްތިމާގެ މީހުންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތަން އައްނިސާއު ސޫރަތުގެ 36 ވަނަ އާޔަތުގައި އަމުރު އޮތް އިރު ވިދިގެން ދެން ހެޔޮކޮށް ހިތަން އަމުރު އޮތީ ގާތްތިމާގެ މީހުންނަށެވެ. މި ސޫރަތް ފެށޭ އާޔަތުގައި ވެސް މިކަމަށް އަމުރު އޮވެ އެވެ. އަދި އައްރަޢުދު ސޫރަތުގެ 21 ވަނަ އާޔަތުން ރަހިމުގެ ގުޅުން ވާސިލު ކުރުމުގެ މުހިންމުކަން އެނގެން އޮވެ އެވެ. ވީމާ ދެމަފިރިން އެކަކު އަނެކެއްގެ ތިމާގެ މީހުންނަށް އިހުސާންތެރިވާން ޖެހޭނެ އެވެ. 

ދެމިފިރިން އެކަކު އަނެކަކުގެ އާއިލާގެ މީހުންނަށް އިހުސާންތެރިވާ އިރު އާއިލާ އިން ބޭރަށް ޖެހިލައި ދެފަރާތުގެ އަވައްޓެރިންނަށް ވެސް އިހުސާންތެރި ވުމަކީ މުހިންމު ކަމެކެވެ. ނަބިއްޔާ ﷺ ގެ ވަރަށް ގިނަ ހަދީސްފުޅުތަކުގައި އަވައްޓެރިންނަށް ހެޔޮކޮށް ހިތަން އަންގަވާފައި ވެ އެވެ.

ޖިބުރީލުގެފާނު ވަޑައިގެން ނަބިއްޔާ އަށް މިކަމަށް ވަސިއްޔަތް ކުރެއްވި އެވެ (ބުޚާރީއާއި މުސްލިމް). ކައްކާއިރު އަވައްޓެރިންނަށްޓަކައި އިތުރު ކުރަން އިރުޝާދު ދެއްވާފައި ވެ އެވެ (މުސްލިމް). އެ މީހެއްގެ ނުބައިކަމުން އަވައްޓެރިޔާ އަށް ސަލާމަތްކަން ލިބިގެން ނުވުމަކީ އީމާންކަން ފުރިހަމަ ނުވާނެ ކަމެކެވެ (ބުޚާރީއާއި މުސްލިމް). އަދި ﷲ އަށާއި އާހިރަތް ދުވަހަށް އީމާންވާ މީހަކު ނަމަ އަވައްޓެރިންނަށް އުނދަގޫ ނުކުރަން ވެސް އެކަލޭގެފާނު އަންގަވާފައި ވެ އެވެ (ބުޚާރީ އާއި މުސްލިމް). 

ވީމާ އަވައްޓެރިންނަށް ހެޔޮކޮށް ހިތުމުގައި ދެމަފިރިން އެކަކު އަނެކެއްގެ އަވައްޓެރިންނަށް ވެސް ހެޔޮކޮށް ހިތަން ޖެހޭނެ އެވެ. 

އާދެ، މިގޮތުން ދެމަފިރިން ވެސް އެކަކު އަނެކަކުގެ އާއިލާ މީހުންނަށް ހެޔޮކޮށް ހިތުމަށްޓަކައި އެ މީހުންނަށް އިހުސާންތެރިވުން މުހިންމެވެ. އަދި އެ މީހުންނާ ބައްދަލު ކުރުމުގައި އިސްލާމީ އަބަދުތަކަށް ރައްކާތެރިވުން ވެސް އެހާމެ މުހިންމެވެ.