ޓޫރިޒަމަށް 50 އަހަރު ފުރެމުން އަންނައިރު، ޝައްކެއް ވެސް ނެތް ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި މި ގައުމު ހިމެނިގެން ދިޔައީ ޓޫރިޒަމްގެ ނަފާގެ ސަބަބުންނެވެ. އިންސާނީ ތަރައްގީގެ މިންގަނޑުތައް ކަމަށްވާ ވިހެއުމުގައި މަރުވާ އަދަދު، ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް، ދިރިހުންނާނޭ އެވަރެޖް އުމުރު، ތައުލީމީ ފެންވަރު ފަދަ އެތަކެއް މިންގަނޑުތަކެއްގައި، ސަރަހައްދީ ގޮތުން އެއް ވަނަ ހޯދުމުގެ ގާބިލުކަން ލިއްބައިދިނީ ޓޫރިޒަމްގެ ސިނާއަތުގެ އެހީގަަ އެވެ.

ހިނގަމުންދިޔަ ގޮތް

ނަމަވެސް، ފާޅުކޮށް މިހާރު ފެންނަން ހުރި ގޮތުގައި، ޓޫރިޒަމަށް ބަރޯސާ ވެގެން ހިނގަމުންދިޔަ ތަރައްްގީގެ ފަލްސަފާއަކީ އެންމެ އެކަށޭނެ ފަލްސަފާއެއް ނޫނެވެ. ރިސޯޓްތަކުގެ އަދަދު އިތުރުވާ ނިސްބަތަކުން، އެ ސިނާއަތުގެ ފައިދާއިން ރައްޔިތުންނަށް ނަފާ ލިބެމުންދާ ކަމަކަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ވަޒީފާގެ ނިސްބަތް މަދުވެ، ވަޒީފާގައި ގެންގުޅޭ މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތާމެދު، ޔަގީނުން ވެސް ވަޒީފާ ވެރިން ތިބީ ހިތްހަމަޖެހިފައެއް ނޫނެވެ.

ރިސޯޓާ ގުޅިފައިވާ ވެށީގެ މައްޗަށް އެވެރިން ހަންފަތުރަމުންދާ ގޮތާ މެދު ރައްޔަތުން ތިބީ ހިތްހަމަ ނުޖެހުމުގެ ނަޒަރުން ބަލާށެވެ. ހަދައި ކޮންމެ ރިސޯޓަކާ އެކު އެ ރަށުގެ ފަޅާއި، ފަރާއި، ވެށީގެ މުއްސަނދިކަމުން މަސްވެރިންނާއި ކަނޑު ރޯދި ހޯދައި އެހެން ފަރާތްތައް ނަހީ ކުރުމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ. ކޮންމެ އަހަރަކު އިތުރު ރަށްތަކެއް ދޫކުރަމުން ދާއިރު، އަތޮޅުގައި، އެ އަތޮޅުގެ ރައްޔަތުން ހިތްހަމަ ޖައްސާލަން، ދަތުރުގޮސް އާއިލާއާ އެކު ވަގުތު ހޭދަ ކޮށްލާނޭ މަންޒިލްތައް، ރައްޔަތުންގެ ރުހުމަކާ ނުލައި ބީވަމުން ދާކަމުގެ ކަންބޮޑުވުމުގެ އަޑު ދަނީ ގަދަވަމުންނެވެ.

މިއަދުގެ ހާލަތު

ޓޫރިޒަމްގެ ސިނާއަތް ހިންގާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކޮވިޑްގެ ހާލަތާ ވެސް ގުޅިގެން އިންވެސްޓް ކުރަން ތިބި ފަރާތްތައް ދަނީ މަދުވަމުންނެވެ. ޑިސެމްބަރު 2019 ގައި ބިޑަށް ހުޅުވާލި 23 ރަށަށް މުއްދަތު ހަމަވިއިރު، ލިބިފައިވަނީ އެންމެ ފަރާތެއްގެ ބިޑެއް ކަމުގައި ވީހިނދު ވެސް، މި އަހަރުގެ އެޕްރީލްގައި 'އިންވެސްޓަރުން ކެތްމަދުވެފައި' ކަމަށް ވިދާޅުވެ އަލުން 16 ރަށް ބިޑަށް ހުޅުވާލައިފަ އެވެ.

އެޕްރީލްގައި ހުޅުވާލި ބިޑަށް މަސްދުވަސް ވީއިރު، ހުށަހެޅޭނެ އެންމެ ކުޑައަގު 30 ޕަސެންޓުން ޑިސްކައުންޓްކޮށް، އެވަރެޖްކޮށް ހެކްޓާ އަކަށް 130،000 ނުވަތަ އެނދަކަށް 3،180 އަށް ވެސް 50 އަހަރަށް ދޫކުރުމަށް ތައްޔާރަށް އޮތް ކަމުގައި އިއުލާނުކުރެވުނެވެ. ހިސާބުތަކުން ދައްކާ ގޮތުގައި މިއީ އެމްއެމްޕީއާރުސީގެ ނީލަމުގައި ނުއަގުގައި ރައްޔަތުންގެ އަތުން ބީވެގެން ދިޔަ 45 ރަށުން ހަމައެކަނި ދައުލަތުގެ އެކައުންޓަށް ވަންނާނެ ކަމަށް ބެލެވުނު ރޭޓެވެ. އިންވެސްޓަ ކޮންފިޑެންސް ނެތްކަން އެނގޭ ހާލުގައ އެމްއެމްޕީއާރުސީގެ ރޭޓުގައި 16 ރަށަށް ހުޅިވާލި ބިޑަށް ކުރިމަތިލީ ހަތް ރަށަށް އެންމެ ނުވަ ފަރާތާކުންނެވެ. އެވޯޑިންއާ ހަމައަށް ދިޔައީ އެންމެ ރަށެކެވެ.

ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް: ރިސޯޓް ހަދަން ދޫކޮށްފައިވާ ވަރަށް ގިނަ ފަޅުތައް ހުރީ ހުއްޓިފައި -- ފައިލް ފޮޓޯ: މިހާރު
ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް: ރިސޯޓް ހަދަން ދޫކޮށްފައިވާ ވަރަށް ގިނަ ފަޅުތައް ހުރީ ހުއްޓިފައި -- ފައިލް ފޮޓޯ: މިހާރު

މިފަދަ ކުޑައަގެއްގައި ނަމަވެސް ރާއްޖޭގެ އެންމެ އަގުބޮޑު ގުދްރަތީ ތަރިކަ ވިއްކަން ދައުލަތުން އިއުލާނު ކުރަމުން ދާއިރު، މިހާރު ދޫކޮށް، ކޮންޓްރެކްޓް ކުރެވިފައިވާ 118 ރިސޯޓެއްގެ މަސައްކަތް ވަނީ ނުނިމި އެވެ. ސެޕްޓެމްބަރު 1 އާ ހަމައަށް 160 ރިސޯޓް ހިންގަމުންގެންދާއިރު، ދޫކޮށް، މިހާތަނަށް ނުހެދި ހުރި ރަށްތަކާއި، އަލައް ދޫކުރުމަށް މަސައްކަތް ކުރާ ރައްތަކާ އެކު، ރަށްތައް ހަދައި ނިމޭއިރު 320 ރިސޯޓަށް ވުރެ ގިނަވާނެ އެވެ. ނަމަވެސް، ދިވެހިން މިއަދު ދިރިއުޅެނީ 188 ރަށުގަ އެވެ.

ތަރައްގީގެ ފަލްސަފާ

ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ގައުމު ތަރައްގީ ކުރުމުގެ މައި ފަލްސަފާއަކީ ރައްޔިތުން ރުއްސުމަށްޓަކައި ވައުދު ކުރަމުން ދިއުމެވެ. ވައުދު ފުއްދުމަށްޓަކައި ވިއްކަން ޖެހޭނީ އިތުރަށް ކިތައް ރަށްތޯ ބެލުމަށް ހިސާބު ޖަހާނީ ވެރިކަން ލިބުމުންނެވެ. ވެރިކަން ލިބުނިއްޔާ އެވެ!

މަލްޓި ޕާޓީ ޑިމޮކްރަސީ އާ އެކު މިކަމުގެ ދުވެލި ހަލުވިވެ، އެއް ޕާޓީ އަށް ވުރެ ބޮޑެތި، އަގުބޮޑު ވައުދު އަނެއް ޕާޓީއަކުން ކުރަން މަޖުބޫރުވި އެވެ. ރައްޔަތުންގެ ޓެކްސް ފައިސާ އިތުރުކުރުމަށް އުޅުން ފަސޭހަ ނުވުމުން، ދެން އޮންނަ އެންމެ ފަސޭހަ މަގަކީ އަނެއްކާ، އަވަހަށް، އިތުރަށް، އާ ރަށްތަކެއް ވިއްކާލުމެވެ. ވަކި ބަޔަކުގެ ވަކި ސަރުކާރަކުން ނޫނެވެ. ހުރިހާ ކުލައެއްގެ ހުރިހާ ސަރުކާރަކުން ވެސް މެއެވެ.

އެއް ޕާޓީ އަށް ވުރެ ބޮޑެތި، އަގުބޮޑު ވައުދު އަނެއް ޕާޓީއަކުން ކުރަން މަޖުބޫރުވި އެވެ. ރައްޔަތުންގެ ޓެކްސް ފައިސާ އިތުރުކުރުމަށް އުޅުން ފަސޭހަ ނުވުމުން، ދެން އޮންނަ އެންމެ ފަސޭހަ މަގަކީ އަނެއްކާ، އަވަހަށް، އިތުރަށް، އާ ރަށްތަކެއް ވިއްކާލުމެވެ. ވަކި ބަޔަކުގެ ވަކި ސަރުކާރަކުން ނޫނެވެ. ހުރިހާ ކުލައެއްގެ ހުރިހާ ސަރުކާރަކުން ވެސް މެއެވެ.

ނަމަވެސް، މިއަދު ގައުމުގެ ދަރަނި ގުނަވެ، މާލިއްޔަތު ގާނޫނުގައި ބުނެފައިވާ އިންތައް ވަނީ ފަހަނައަޅައި ގޮސްފައެވެ. އިންވެސްޓަ ކޮންފިޑެންސް ގެއްލިފައިވާ ކަމުގައި މޫޑީސް އާއި ފިޗް ރޭޓިންގްސް ފަދަ މާހިރުން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ.

އެންމެ ފަހުން އިއުލާނު ކުރި ރަށްތަކަށް ލިބިފައި ވަނީ ފިނި ތަރުހީބެއްކަން ސާފުކޮށް ފެންނާން ނަމަވެސް، އިތުރަށް އެތަކެއް ވައުދެއްކޮށް، ބްރިޖާއި އެއާޕޯޓް އަޅައިދޭން މިހާރު ވެސް މި ގެންދަނީ ހުވައިކުރަމުންނެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ މަހު އިއުލާނު ކުރި ގޮތުގައި ވެސް ޓޫރިޒަމަށް ދޫކޮށްގެން، 2022 ގައި 350 މިލިއަން އަދި 2023 ގައި 550 މިލިއަން، ޖުމްލަ 900 މިލިއަން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ގައުމީ ތަރިކައަކީ މިއަދުގެ ޖީލުގެ އެކަނި ހައްގެއް ނޫން

ނަމަވެސް، ރާއްޖޭގެ ހަމައެކަނި ތަރިކައަކީ އަޅުގަނޑެމެންގެ ރަށްތަކާއި ވެއްޓެވެ. މި ވެއްޓަކީ މިއަދު ސަރުކާރުގެ، ނުވަތަ މި ޖީލުގެ އެކަނި 'މުދަލެއް' ކަމުގައި ނިންމައިގެން ނުވާނެ އެވެ. މާދަމާގެ ޖީލުތަކުގެ ދިރިއުޅުން ބިނާ ކުރަން ޖެހޭނީ ވެސް މި ގައުމުގައި، މި ވެށީގެ ގުދްރަތީ މުއްސަނދި ކަމަށް ބަރޯސާވެ ތިބެއެވެ. އަޅުގަނޑުމެންގެ ދަރިންނާއި ކާފަދަރިންނާއި މާމަ ދަރިންގެ ތަރިކަ މިއަދު ނީލަންކިޔާ ހުސްކޮށްލާކަށް ނުވާނެ އެވެ.

މާދަމާގެ ޖީލުތަކުގެ ދިރިއުޅުން ބިނާ ކުރަން ޖެހޭނީ ވެސް މި ގައުމުގައި، މި ވެށީގެ ގުދްރަތީ މުއްސަނދި ކަމަށް ބަރޯސާވެ ތިބެއެވެ. އަޅުގަނޑުމެންގެ ދަރިންނާއި ކާފަދަރިންނާއި މާމަ ދަރިންގެ ތަރިކަ މިއަދު ނީލަންކިޔާ ހުސްކޮށްލާކަށް ނުވާނެ އެވެ.

ރަށްތަކާއި ފަޅުތަކާއި ބީވަމުން ދާ ނިސްބަތާއި ގާތްކުރާ މިންވަރަށް ވެސް ވަޒީފާ އިތުރު ނުވާ ކަމުގައި ވަޒީފާވެރިން ބުނަމުންދާއިރު، ޓޫރިޒަމްގެ ނަފާ އާންމު މީހާ އަށް ފޯރާ މިންވަރާ މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުމުގެ 'ބުން' ވަނީ ގުގުމައިފަ އެވެ. އެހެންކަމުން، ރަށްތަކާއި ފަޅުތައް ނީލަން ކިޔައިގެން ތަރައްގީ ގެނައުމަށް ބޭނުންކުރި ތަރައްގީގެ ފަލްސަފާއާ މެދު ވިސްނާލުން މިއަދު މަޖުބޫރެވެ.

ގައުމުގެ އިގްތިސާދީ އޮޑި ވަނީ އެތެރެވަރިން ނުކުމެ މައިކަނޑަށް ދަމައިގަތުމުގެ މަގުމަތީގަ އެވެ. ފުޅޮއިން މުޅިން ނުކެނޑެނީސް، ބޭރުދުނީގެ ފަރެއްގައި ނަގިލި ޖައްސައި އޮޑި ހައްޔަރުކޮށް، ހިންދެމިލައި، އޮޑިއަށް ހިމޭންކަން ގެނެސް، އަލުން ވިސްނާ ލުމުގެ ފުރުސަތު ހޯދަން ވެއްޖެ އެެވެ. އިންވެސްޓަ ކޮންފިޑެންސް ދަށް، ރައްޔަތުންގެ ހިތްހަމަނުޖެހުން ބިޔަ މި ދުވަސްވަރުގައި، ރަށްތައް ވިއްކައިގެން ގައުމު ތަރައްގީ ކުރުމަށް ވޭތުވެދިޔަ ވިއްސަކަށް އަހަރު ގެންގުޅުނު ފަލްސަފާ އާ މެދު އަލުން ވިސްނާލަމާތޯ އެވެ؟

ލިޔުންތެރިޔާ އިބްރާހިމް އާތިފް ޝަކޫރު
ލިޔުންތެރިޔާ އިބްރާހިމް އާތިފް ޝަކޫރު

އެޑިޓަރުގެ ނޯޓް: މޯލްޑިވްސް އިކޮނޮމިކް ރިވިޔުގެ ކޯ ފައުންޑަރު އަދި ކޯ އެޑިޓަރު އާތިފަކީ ދިވެހި އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ ގޮތުން ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތްކަތް ކުރައްވަމުން ގެންދަވާތާ 20 އަހަރު ވެފައިވާ ބޭފުޅެކެވެ.