އުރީދޫ މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މިއަހަރު ވެސް "އުރީދޫ މަސްރޭސް ބާއްވަން ނިންމައި، ރަޖިސްޓްރީވާން މިއަދު ހުޅުވާލައިފި އެވެ.
ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބޭ އެ މަސް ރޭސް މިއަހަރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކ. މާފުށީގަ އެވެ. އަދި އެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
"އުރީދޫ މަސް ރޭސް" ގައި ބައިވެރިވެވޭނީ ކެޕްޓަނުންނާއި އޮފިޝަލުން ހިމެނޭހެން 12 މީހުން ހިމެނޭ ޓީމުތަކަށެވެ. އަދި އެ ރޭހުގައި ބައިވެރިވުމަށް ފޯމު ހުށައެޅޭނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އުރީދޫން ބުނީ މަސްރޭހުގައި ފުރުސަތު ދޭނީ ގިނަވެގެން 20 ޓީމަށް ކަމަށެވެ. އެހެންވެ، 20 ޓީމަށް ވުރެ އިތުރުވާނަމަ، ފުރުސަތު ދޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް، ފައިސާ ދެއްކި 20 ޓީމަށް ކަމަށް އުރީދޫން ބުންޏެވެ.
މިއަހަރުގެ މަސް ރޭހަށް ވެސް އުރީދޫން ވަނީ ފައިސާގެ އިނާމު ހުށަހަޅައިފަ އެވެ. އެގޮތުން އެއް ވަނައަށް 25،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް 1،000ރ. ގެ ފައިސާގެ އިނާމާއި އެންމެ ބަރު މަސް ބާނާ މީހަކަށް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ.
އުރީދޫ މަސް ރޭހަކީ އެކި ރަށްރަށުގެ ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ޓީމުތައް ހަދައިގެން ބައިވެރިވާ ފޯރިގަދަ ހަރަކާތެކެވެ. އަދި އެ މަސްރޭހަކީ ދިވެހިންގެ މެދުގައި މަސްވެރި ކަމަށް އޮންނަ ރޫހު ދިރުވައި، ޒުވާނުންގެ މެދުގައި އެކަމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، އެއްބައިވަންތަކަމުގެ ރޫހު ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.