މިދިޔަ ސީޒަނުގައި އއ. މާޅޮސް ގޮވައިގެން ދިވެހި ޕްރިމިއާ ލީގަށް އައިސް ކޯޗު އަލީ ނިސްތާރު މުހައްމަދު ކުރީ ޖުމްލަ ގޮތެއްގައި ރަނގަޅު މަސައްކަތެކެވެ. ގިނަ ޓީމުތަކާ ދެކޮޅަށް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި އަހަރު ދިވެހި ޕްރިމިއާ ލީގުގައި ނިސްތާރު ފެންނާނީ ށ. ފޯކައިދޫ ޓީމުންނެވެ. މި ފަހަރު އޭނާގެ ކުރިމަތީގައި އޮތީ އާ ޗެލެންޖެކެވެ.

ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ކުޅޭނީ މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމާއި މިނިވަން ޗެމްޕިއަންޝިޕުން އަންނަ ހަތަރު ޓީމެކެވެ. ލީގުގެ ފުރަތަމަ ބުރު ކުޅޭނީ 10 ޓީމުގެ މެދުގަ އެވެ. އޭގެ ތެރެއިން ދެ ވަނަ ބުރަށްދާނީ އެންމެ ގަދަ އަށް ޓީމެވެ. އަނެއް ދެ ޓީމަށް އެ ހިސާބުން މުބާރާތް ނިމޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ފޯކައިދޫ ބަލިވީ ތ. ތިމަރަފުށްޓާ ވާދަކޮށް 3-0 އިންނެވެ. އެ ހިސާބުން އެ ޓިމުން ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފެށި އެވެ. ފޯކައިދޫ އާއި ތިމަރަފުށީގެ އިތުރުން ޕްރިމިއާ ލީގުގައި ކުޅޭނެ އަނެއް ދެ ރަށަކީ ބ. ފެހެންދޫ އާއި ފ. ނިލަންދޫ އެވެ.

ނިސްތާރު "މިހާރަ"ށް ބުނީ މި ވަގުތު ފޯމެޓް އޮތްގޮތުން އޭނާގެ ޓާގެޓަކީ ގަދަ އަށެއްގެ ތެރޭގައި ހިމެނުން ކަމަށެވެ. އެކަމަކު އެ މަސައްކަތް ކުރަން ބަލާއިރު އުނދަގޫތަކެއް އެބަހުއްޓެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ކުރިމަތިވާނެ އާ ޗެލެންޖެކެވެ.

"ޓީމުގެ ފެންވަރު ވަޒަންކޮށްލެވޭނީ ދެ މެޗެއް ވަރު ކުޅެލީމަ. އެއީ އެކަށީގެންވާ ވަގުތެއް ނުލިބޭ ތައްޔާރުވާން. ވަރަށް އުނދަގޫވާނެ. އެއީ މާލޭ ލީގުގައި ކުޅޭ ޓީމުތަކުން އަންނާނީ ގިނަ މެޗުތަކެއް ކުޅެފައި ވަރަށް މެޗު ފިޓްކޮށް. އެކަމަކު އަހަރެމެން ވެސް އެންމެ ރަނގަޅު ކުޅުމެއް ދައްކާނަން،" ކުރިން ބީޖީ ސްޕޯޓްސް އާއި އީގަލްސްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ނިސްތާރު ބުންޏެވެ.

މިދިޔަ އަހަރު މާޅޮހާ ހަވާލުވެ ވެސް ނިސްތާރު ފުރަތަމަ މެޗުތަށް ބޭނުންކުރީ ޓީމު ދެނެގަންނާށެވެ. ފަހުން މެޗަކަށް ފަހު މެޗެއް ދިޔައީ ރަނގަޅުވަމުންނެވެ. އެ ޓީމުން ވަނީ އެ ފަހަރު ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

"އިރާދަކުރެއްވިއްޔާ މާޅޮހުގައި ލިބުނު ތަޖުރިބާގެ ބޭނުން ކުރާނަން،" ނިސްތާރު ބުންޏެވެ.

މިދިޔަ އަހަރު މާޅޮހުގައި ވެސް ނިސްތާރަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރަނގަޅު ބިދޭސީ ކުޅުންތެރިން ތިބުމެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މިހާރު ވިކްޓަރީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް އެވެ. ނިސްތާރު ވަނީ މި ފަހަރު މިނިވަން ޗެމްޕިއަންޝިފްގެ ފައިނަލު ބުރުގައި އޭނާއާ އެކު މާޅޮސް ޓީމުގައި މަސައްކަތްކުރި ކުރިން ޓީސީ އަށް ކުޅުނު މިސްރުގެ ހަލީލް ޖަމަލާއި ބީޖީގެ ގޯލުން ކުރިން ފެނުނު ހަނީފް ސާގިބް ފޯކައިދޫ ޓީމަށް ގެނެސްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ފޯކައިދޫ ޓީމުން ފެނުނު ގިނަ ކުޅުންތެރިންތަކެއް ޕްރިމިއާ ލީގުގައި ވެސް ކުޅޭނެ ކަމަށާއި އޭގެ އިތުރުން އެހެން ދިވެހި ކުޅުންތެރިން ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.