ކަސްރަތަށް ހިތްވަރުދީ ސިއްހީ ހާލަތު އަންގައިދޭ ފިޓްނެސް ބޭންޑްތައް މިހާރު އާންމުންގެ މެދުގައި ވަރަށް މަގުބޫލެވެ. ފިޓްނެސް ބޭންޑް އުފައްދާ ކުންފުނިތައް ވެސް އިތުރުވަމުން އަންނަ އިރު، މި މާކެޓަށް މިހާރު މި ނުކުންނަނީ ޗައިނާގެ ވަންޕްލަސް އެވެ.

ފޯނު އުފެއްދުމުގައި މަޝްހޫރު ވަންޕްލްސްގެ ފިޓްނެސް ބޭންޑް މި މަހުގެ ތެރޭގައި ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމުގެ އިޝާރާތެއް ވަންޕްލަސް އިންޑިއާ އިން ކުރި ޓްވީޓެއްގައި ވެސް ވަނީ ދީފަ އެވެ. އޭގައި ބުނެފައި ވަނީ "ފިޓްނެސްގެ އާ މޫނުމަތި" ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

ފިޓްނެސް ބޭންޑާ ގޮތުން ބައެއް މީޑިއާތަކުން ބުނީ މިއީ މި ވަގުތު ބާޒާރުގައި ލިބެން ހުރި އެހެން ބްރޭންޑްތަކަށް ދޫނުކުރާ ވަރުގެ އުފެއްދުމަކަށް ވާނެ ކަމަށެވެ. މިއީ އެ އަޅައިގެން ހުންނަ މީހާގެ ހާޓް ރާޓޭއި ލޭގެ ޕްރެޝަރު 24 ގަޑިއިރު މޮނިޓަކޮށްދޭނެ އެއްޗެކެވެ. އަދި މީހާގެ ނިދުމުގެ ޓްރެކާއި ހަށިގަނޑާ ގުޅޭ ގޮތަށް ކަސްރަތުތައް ކުރާނެ 13 އެކްސަޒައިޒް މޯޑެއް ބޭންޑުން ކިޔައިދޭނެ އެވެ.

މީގައި 1.1 އިންޗީގެ އޯލެޑް ޑިސްޕްލޭއެއް އިންނާނެ އެވެ. ފެން ނުވަންނަ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސް ފުލްކޮށް ޗާޖްކޮށްލައިގެން ދެ ހަފުތާ އަށް ބޭނުންކުރެވޭނެ އެވެ.

ވިއްކާނެ ކަމަށް ބެލެވޭ އަގަކީ ގާތްގަނޑަކަށް 35-40 ޑޮލަރަށެވެ.

ވަންޕްލަސް އިން ފިޓްނެސް ބޭންޑެއް ނެރެން ތައްޔާރުވަމުން މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ސްމާޓްވޮޗް ވެސް ނެރޭނެ ކަމަށް ބުނެފައިވެ އެވެ.