މަޝްހޫރު ސްމާޓްފޯން ކުންފުނި ވަންޕްްލަސްގެ ކުރީގެ ކޯ ފައުންޑާ އަދި ވެރިޔާ، ކާލް ޕެއި، އޭނާގެ އާ ކުންފުނި "ނަތިން" އާ އެކު ބޭނުން ވަނީ އެޕަލްއާ ވާދަކުރަން ކަމަށް ބުނެފި އެވެ.

ވަންޕްލަސް އިން ވަކިވުމަށް ފަހު ކާލް ޕެއި ވަނީ "ނަތިން"ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައިފަ އެވެ. އެ ކުންފުނީގެ ބޭނުމަކީ ޓެކްނޮލޮޖީ އަށް އޮތް ލޯބި ބޮޑުކުރުމަަށް މިހާރަށް ވުރެ އިނޮވޭޓިވް އުފެއްދުންތަކެއް ނެރުން ކަމަށް ކާލް ބުންޏެވެ.

އެ ވިސްނުމާ އެކު މިދިޔަ އަހަރު ކާލް ވަނީ ނަތިން ބްރޭންޑްގެ ފުރަތަމަ ޕްރޮޑަކްޓް، އިއާބަޑްސް ލޯންޗުކޮށްފަ އެވެ. އެއަށް ފަހު މިހާރު މިސްރާބު ހުރީ ކުންފުނީގެ ފުރަތަމަ ފޯނު "ނަތިން ފޯން(1)" ނެރުމަށެވެ.

ނަތިންގެ މިސްރާބު ހުރިގޮތް އާންމުކުރުމަށް ރޭގައި ބޭއްވި ލައިވް އިވެންޓެއްގައި ކާލް ބުނީ އާ ސްމާޓްފޯނަކީ މީގެ ކުރިން ފެނިފައި ނުވާ ފަދަ ތަފާތު ކަމެއް ދައްކާނެ ފޯނެއް ކަމަށެވެ.

"މިހާރު ހުރިހާ ޓެކް ވަރަށް ބޯރިން ވެއްޖެ. ޓެކް ފެނުނީމަ ކުރިން ވާހެން އެކްސައިޓެއް ނުވެވޭ މިހާރު. އެކަމަކު 'ނަތިން' އިން ބޭނުންވަނީ އެ ވިސްނުން ބަދަލުކޮށްލައި ޓެކް އިންޑަސްޓްރީ އަށް އިންގިލާބީ ބަދަލެއް ގެންނަން،" އޭނާ ކީނޯޓުގައި ބުންޏެވެ.

އިވެންޓްގައި ކާލް ބުނެފައި ވަނީ ނަތިންގެ ގޯލަކީ އެޕަލް ފަދަ އީކޯ ސިސްޓަމެއް އުފެއްދުން ކަމަށެވެ. އަދި ހުރިހާ އުފެއްދުންތަކަކީ އެކަތި އަނެކައްޗާ ރަނގަޅަށް ގުޅި ފަސޭހައިން ބޭނުން ކުރެވޭ އެއްޗަކަށް ވާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

އެ އިވެންޓްގައި ކާލް ވަނީ ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ. ނަމަވެސް އެ ޓީޒާއިން މާ ބޮޑު އެއްޗެއް ނުފެނެ އެވެ. "ނަތިން"ގެ ފުރަތަމަ ފޯނު ނެރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ. އެހެންވީމާ ފޯނާ ގުޅޭ އިތުރު މައުލޫމާތު ދެން ލިބޭނީ އަހަރުގެ މެދުތެރޭގައި ކަމަށް ބެލެވެ އެވެ.