އިންތިގާލީ އިންސާފު އޮފީހުގެ މުއްދަތު ހަމަވުމުން، އެ އޮފީހުގެ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި އެވެ.

އެ އޮފީހުން ރޭ 11:00 ހާއިރު ކުރި އިއުލާނެއްގައި ބުނީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ މުއްދަތު އިއްޔެ ހަމަވެފައިވާ ކަމަށެވެ.

އެހެންވެ، އެ އޮފީސް އުވިގެންދާއިރު އޮފީހުގެ ހަރު މުދަލާއި ހުރިހާ ލިޔެކިޔުމެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގާފައިވާ ކަމަށް ބުންޏެވެ.

އިންތިގާލީ އިންސާފު އޮފީހުގެ މުއްދަތު ހަމަވިއިރު، އެ ތަނާ ގުޅޭ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައަކާއި އެހެން ބައެއް މައްސަލަތަކެއް އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.

އެ މައްސަލަތައް ތަހުގީގުކުރަން އެއްބާރުލުން ދިން ތިން މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އޭސީސީން ވަނީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ހުރަސްއަޅާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ މައްސަލަތައް ބަލަން އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު, 17, 2020 ގަ އެވެ. އެ އޮފީސް އުފެއްދީ ދެ އަހަރު ދުވަހަށް ވިޔަސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ތަނުގެ މުއްދަތު އިތުރުކުރައްވައިފަ އެވެ. ކުރީގެ ރައީސް, މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ވޭތުވެދިޔަ ހަތަރު ރައީސުންގެ ވެރިކަންތަކުގައި ހިނގި އަނިޔާތައް ބެލުމަށް އުފެއްދި އޮފީހުން، މައްސަލަތަކަށް ހުޅުވާލުމުން ގާތްގަނޑަކަށް 500 މައްސަލަ ހުށަހެޅި އެވެ. އެކަމަކު، އެ ތަނުގެ މުއްދަތު ހަމަވެ، އިންތިގާލީ އޮފީސް އުވާލިއިރު، އެ ތަނުން ބެލި މައްސަލަތަކުގެ ތަފްސީލެއް ނޭނގެ އެވެ.