އޯފިޑް ފަންޑުގެ އެހީގައި 20 މަޝްރޫއެއް މި އަހަރު ފަށަން ނިންމައިފައިވާ ކަމަށް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަޝްރޫއުތަކަށް އޯފިޑް ފަންޑުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދޭނެ ކަމަށެވެ. މި މަޝްރޫއުތަކަށް ޖުމްލަ 62.5 މިލިއަން ޑޮލަރު ހޭދަވާ އިރު، ބާކީ އޮތް 12.25 މިލިއަން ޑޮލަރު ހޭދަ ކުރާނީ ދިވެހި ސަރުކާރުންނެވެ.

އެ ފަންޑުން ދޭ އެހީގައި ގާއިމްކުރަން ނިންމާފައި ވަނީ އަށް ރަށެއްގެ ނަރުދަމާގެ ނިޒާމާއި ހަތް ރަށެއްގެ ފެނުގެ ނިޒާމުގެ އިތުރުން ފަސް ރަށެއްގެ ބަނދަރެވެ. މި މަޝްރޫއުތައް މި އަހަރުގެ މެދެއްހާ ހިސާބުގައި ބީލަމަށް ހުޅުވާލާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އޯފިޑް ފަންޑުގެ އެހީގައި ނަރުދަމާ ގާއިމް ކުރަން ނިންމާފައި ވަނީ ހދ. މަކުނުދު އާއި ނެއްލައިދު އާއި ނޭކުރެންދު އާއި، ށ. ފޭދު އާއި ބ. ދަރަވަންދު އާއި ގދ. ފިޔޯރީގެ އިތުރުން ގދ. ވާދޫގަ އެވެ.

ފެނުގެ ނިޒާމް ގާއިމްކުރަން ނިންމާފައި ވަނީ ހދ. މަކުނުދު އާއި ނެއްލައިދު އާއި ނޭކުރަންދު އާއި ށ. ފޭދު އާއި ބ. ކެންދު އާއި ގދ. ފިޔޯރީގެ އިތުރުން ގދ. ވާދޫގަ އެވެ.

ބަނދަރު ހަދަން ނިންމާފައި ވަނީ ބ. ދޮންފަނާއި ކިހާދު އާއި ކުޑަރިކިލުގެ އިތުރުން ގއ. ކޮލަމާފުއްޓާއި ގދ. ހޯޑެއްދޫގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.