އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެޕޮލްމެންޓް (އޮފިޑް) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމަށް އަނެއްކާ ވެސް ނިންމައިފި އެވެ.
އޮފިޑުގެ ބޯޑުން މިގޮތަށް ނިންމާފައިވާ އިރު ތަރައްގީވަމުން އަންނަ ހަ ގައުމަކަށް 300 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް އެ އިދާރާ އިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އަށް ދިނުމަށް ނިންމި 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
މި ލޯނުގެ ސަބަބުން ރާއްޖޭގެ 13 ރަށެއްގެ 20،000 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޮފިޑުން ލަފާކުރެ އެވެ. މި ފައިސާ އިން ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މަސްވެރިކަމުގެ ދާއިރާގެ ކަންކަމަށް ފަންޑު ކުރެވޭނެ ކަމަށް އޮފިޑުން ބުނެ އެވެ.
އޮފިޑުން ލޯނު ދިނުމަށް ނިންމި ނަމަވެސް އަދި ރާއްޖެ އިން އެ ލޯނާ ހަވާލެއް ނުވެ އެވެ.
އޮފިޑަކީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް މީގެ ކުރިން ވެސް އެހީވަމުން އަންނަ ޖަމާއަތެކެވެ. އެގޮތުން 2016 ވަނަ އަހަރު އެއާޕޯޓް ތަރައްގީ ކުރުމަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދީފައިވެ އެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގައި ހަދާ ހޮސްޕިޓަލަށް އޮފިޑުން ފަންޑުދީފައިވެ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ވެސް އެ އިދާރާއިން އެހީތެރިކަން ފޯރުކޮށްދިނެވެ.