މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގެ ވަނަތައް ބެހިގެން ދިޔަ ގޮތަށް ބަލާ އިރު، ޕްރޮޑިއުސަރު ހުސައިން ނޫރައްދީން (ނޫރު) އަކީ އެންމެ ބޮޑު އުލަފެއް ލިބުނު އެކަކަށް ވާނެ އެވެ. އޭނާ ވަޒީފާ އަދާކުރާ ސްޓެލްކޯގެ ޑްރާމާ "ކަޅާއި ހުދު" އަށް އެންމެ މޮޅު ޑްރާމާގެ އެވޯޑާ އެކު، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ވަނީ ލިބިފަ އެވެ.
އެހެންވެ "ކަޅާއި ހުދު" ގެ ތަޖުރިބާއާ އެކު ނޫރު ފީޗާ ފިލްމެއް ޑައިރެކްޓްކޮށްފާނެ ހެއްޔެވެ؟ ނޫރު ބުނީ "އަދި އެކަމަށް ތައްޔާރު ނޫން" ކަމަށެވެ.
"ކުރަން ބޭނުމިއްޔާ މިހާރު ވެސް ކޮށްލެވޭނެ. އެކަމަކު މި ވަގުތު އަދި އެކަމަކަށް ތައްޔާރެއް ނޫން،" ލޫދިފާ އާއި ލަވް ސްޓޯރީ ފަދަ ފިލްމްތަކުގެ ޕްރޮޑިއުސަރު ބުންޏެވެ.
ނޫރު ބުނީ ޑައިރެކްޝަނަކަށް އަދި ދާން ބޭނުން ނުވާ ބައެއް ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. އެކަމަކު އޭގެ މާ ފުނަކަށް ދާކަށް ވެސް އޭނާ އަދި ބޭނުމެއް ނޫނެވެ.
"ފީޗާ ފިލްމެއް ޑައިރެކްޓް ކުރުމާ ދޭތެރޭ އެހާ ސީރިއަސްކޮށް އަދިއެއް ނުވިސްނަން. އެކަމަކު މީގެ މާނައަކީ އެއްވެސް ހާލެއްގައި ފިލްމެއް ޑައިރެކްޓް ނުކުރާނަމެކޭ ނޫން،" އެކްޓް ވެސް ކުރަމުން އަންނަ ނޫރު ބުންޏެވެ. "އަހަރެން ގަބޫލެއް ނުކުރަން ޑްރާމާއެއް ޑައިރެކްޓްކޮށްލެވުމަކީ އަދި ފީޗާ ފިލްމެއް ޑައިރެކްޓްކޮށްލަން ފައްކާވުން ކަމަކަށް ވެސް. މީގައި އެބަހުރި އަސްލު ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން. އެވަރަށް އަހަންނަށް ތައްޔާރު ވެވުނު ކަމަށް ގަބޫލު ކުރެވުނު ދުވަހަކު ޑައިރެކްޝަނެއް ހަމަ ފެނި ވެސް ދާނެ."
އޭނާ ބުނި ގޮތުގައި ފިލްމެއް ޑައިރެކްޓް ކުރުމުގެ ހިޔާލު މި ވަގުތަށް ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ ޑްރާމާތަކުގެ ޑައިރެކްޓަރެއްގެ ގޮތުގައި ފެނިދާނެ އެވެ.
"މި ފަހަރު ވަނަ ލިބުނު ޑްރާމާ އަށް ބަލާ އިރު އަހަރެން ނުބުނާނަން މިއީ ހަމައެކަނި ޑައިރެކްޓަރުގެ މަސައްކަތުގެ ނަތީޖާއެކޭ. މިއީ ޓީމް ވާކެއް. ޑައިރެކްޓަރަކަށް މަސައްކަތް މިކޮށްލެވެނީ ވަރަށް ގިނަ ބައެއްގެ ސަޕޯޓާ އެކު،" ނޫރު ބުންޏެވެ.
މި ވަގުތު ފީޗާ ފިލްމެއް ޑައިރެކްޓް ކުރުމުގެ ހިޔާލެއް ނެތް ނަމަވެސް އިތުރު ފިލްމެއް ޕްރޮޑިއުސް ކުރަން ނޫރު އަންނަނީ ޕްލޭންތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރަށް ބަލާފައި އޭގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ބުންޏެވެ.
"މިހާރު ވެސް ސިޔާސީ ގޮތުން ގައުމު ވަރަށް ބޮޑަށް ހަބޮލިކޮށް މިއޮތީ. މީގެ ގެއްލުން އަސްލު އެންމެ ބޮޑަށް ލިބޭ ބަޔަކަށް ވާނެ އެންޓަޓައިންމަންޓް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން. އެހެންވީމާ ގައުމުގައި ހަމަޖެހުން އޮތުން ވަރަށް މުހިއްމު،" މި އަހަރު އެޅުވި "މަލިކާ" މާކެޓިން މެނޭޖަރު ޒިންމާ ވެސް ނެގި ނޫރު ބުންޏެވެ. "ރައްޔިތުންނަށް މުނިފޫހި ފިލުވައި ލެވޭނީ ވެސް ސިޔާސީ ގޮތުން ހަމަޖެހުމެއް އައިސް، އަމާންކަން އޮވެގެން."
އޭނާ ބުނީ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދެނީ ބޮޑު ހަރަދެއް ވެސްކޮށްގެން ކަމަށްވާތީ، ފިލްމުގެ ވިޔަފާރި ވެސް ކުރެވޭނީ ހަމަޖެހުން އޮވެގެން ކަމަށެވެ.
"މި ކަހަލަ ބައެއް ސަބަބުތައް ހުރީމަ އަސްލު ފިލްމް ޕްރޮޑިއުސް ވެސް ނުކޮށް މިހާރު މި ހުންނަނީ. ކުރާ ހަރަދު ރިވަކާ ކުރެވޭނެ ގެރެންޓީއެއް ނެތް ކަމަށް ވަންޏާ އިންވެސްޓް ކުރަން ކޮންމެ މީހަކު ވެސް ފަސް ޖެހޭނެ." ނޫރު ބުންޏެވެ. "އެކަހަލަ ސިޗްއޭޝަނެއްގައި ގައުމު މިހާރު މިއޮތީ."
ނޫރި އެންމެ ފަހުން ޕްރޮޑިއުސް ކުރި ފިލްމަކީ 2013 ގައި އަބްދުލް ފައްތާހް ޑައިރެކްޓް ކުރި "ލަވް ސްޓޯރީ" އެވެ.
މިދިޔަ އަހަރު ބޭއްވި ހަތް ނެޝަނަލް ފިލްމް އެވޯޑްސްގައި ނޫރު ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ޑައިރެކްޓް ކުރި "ލޫދިފާ" އަށް 10 އެވޯޑް ލިބިފައިވެ އެވެ.