އިޒްރޭލްގެ އިސްތިއުމާރީ ހިސޯރުގައި އޮންނަތާ 17 އަހަރުވީ ގާޒާ އަށް ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް، އިޒްރޭލުގެ ހަރުކަށި ސިޔާސީ ލީޑަރުން އަނެއްކާ ވެސް އެތަނުގެ ސަރުކާރަށް ގޮވާލައިފި އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމަށް ކަމަށް ބުނެ މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފަށައިގެން ކުރަމުންދާ ހަނގުރާމައިގައި، އިޒްރޭލްގެ ސިފައިން މަރުވާ އަދަދު އިތުރުވެ، ކުރިމަތިވާ ގެއްލުންތައް ބޮޑުވަމުން ދާތީ، އިޒްރޭލުގެ އާންމުންގެ މެދުގައި މިހާރު އަންނަނީ ސަރުކާރާ މެދު ރުޅިވެރިކަން އުފެދެމުންނެވެ. އާންމުންގެ މެދުގައި އުފެދޭ ރުޅިވެރިކަމުގެ ފައިދާ ނަގައި، ސިޔާސީ އިދިކޮޅު ލީޑަރުން ވެސް ގެންދަނީ އެކި ގޮތްގޮތުން އިޒްރޭލު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ މޯޝޭ ވޭގްލިން، އެކްސް (ކުރީގެ ޓްވިޓާ) ގައި މިއަދު އާންމުކުރި ބަޔާނެއްގައި ސަރުކާރަށް ގޮވާލައިފައިވަނީ، ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި އިޒްރޭލުގައި ހުރި ބާރު ގަދަ ހަތިޔާރު ބޭނުން ކުރުމަށެވެ. އެ ގޮތުން އިޒްރޭލުގައި ހުރި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށް ގާޒާ ސުންނާފަތިކޮށްލުމަށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އޭނާ މިއަދު ގޮވައިލެއްވި އެވެ.
އެމެރިކާ އިން 1945 ވަނަ އަހަރު ޖަޕާނުގެ ހީރޯޝީމާ އަށް ދިން އެޓޮމިކް ބޮމުގެ ހަމަލާއަށް ފަހު ނަގާފައިވާ އެ ސަހަރުގެ ފޮޓޯއެއް ހިއްސާ ކުރަމުން އޭނާގެ ބަޔާނުގައި، ސުވާލު ކޮށްފައިވަނީ ހީރޯޝީމާގެ ހަނގުރާމައިގައި އެމެރިކާގެ ކިތައް ސިފައިން މަރުވި ހެއްޔެވެ؟ އޭނާގެ އެ ސުވާލުގެ މަފްހޫމަކީ، އިޒްރޭލުގެ މަތިންދާބޯޓެއްގައި ގޮސް ގާޒާ އަށް ވައްޓައިލާ އެންމެ ނިއުކްލިއާ ބޮމަކުން ވެސް، އިޒްރޭލު ސިފައިންގެ މީހަކަށް ގެއްލުމެއް ނުލިބި، ޣައްޒާގެ އެންމެން މަރައިލެވިދާނެ ވާހަކަ އެވެ.
ދީނީ ހަރުކަށި ސިޔާސީ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ މޯޝޭ ވޭގްލިން މި މޭރުމުން، ޣައްޒާ ސުންނާފަތި ކޮށްލުމަށް ގޮވައިލި އިރު، މި ހަފުތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު އެއްގަމު މަގުން ޣައްޒާ އަށް ވަދެގަތް އިޒްރޭލު ސިފައިންގެ ތެރެއިން 17 މީހަކު ވަނީ ހަމާސްގެ ރައްދު ހަމަލާތަކުގައި މަރާލައިފަ އެވެ. އަދި އިޒްރޭލު ސިފައިންގެ އަސްކަރީ އުޅަނދުތަކެއް ގޮއްވާލައި، އިޒްރޭލުގެ ޓޭންކުތަކެއް ވެސް ހަލާކުކޮށްލި އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު ޔޫއާފް ގަލާންޓް މިއަދު ވިދާޅުވީ ޣައްޒާ އަށް އެރި ސިފައިން ކުރިއެރުން ހޯދަމުން ދަނީ ބޮޑު އަގެއް އަދާކޮށްގެން ކަމަށާއި ޣައްޒާގެ ތެރެއިން ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މަރުވާ ސިފައިންގެ އާއިލާތަކުން ކުރާ އިހްސާސްތައް އެނގޭ ކަމަށާއި، އެމީހުންގެ ހިތާމައިގައި ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް، އިޒްރޭލުގެ ސިޔާސީ ލީޑަރުން ގޮވައިލެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ހުސްވި އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ވެސް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ތާލީ ޣޯތުލީފް ވަނީ، ހަމާސްއާ ދެކޮޅަށް ޣައްޒާ އަށް ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް ގޮވާލައިފަ އެވެ.
އަގްސާ ތޫފާންގެ ނަމުގައި ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ތާލީ ޣޯތުލީފް ވަނީ އިޒްރޭލުގައި ހުރި ނިއުކްލިއާ ހަތިޔާރުތަކުން ހަމާސް އަށް ރައްދު ދިނުމަށް ގޮވާލައިފަ އެވެ.
"އަރީހާ މިސައިލް! އަރީހާ މިސައިލް! ސްޓްރެޓީޖިކް އިންޒާރެއް. އެއްގަމު ލަޝްކަރު ގާޒާ އަށް ވެއްދުމުގެ ކުރިން، ގިޔާމަތް ދުވަހުގެ ހަތިޔާރު! މިއީ އަހަރެންގެ ވިސްނުން،" އިޒްރޭލުގައި ހުރި ނިއުކްލިއާ ހަތިޔާރަށް ނިސްބަތްކޮށް ތާލީ ޣޯތުލީފް ވިދާޅުވި އެވެ.
އަރީހާގެ ނަން ދީފައިވާ މިސައިލަކީ 6500 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެކެވެ. އިޒްރޭލުގައި އުފައްދާފައިވާ މި މިސައިލަކީ ނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 27 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 22200 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3650 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2290 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ނުވަތަ، ހަމަލާތަކުގައި ހަށިގަނޑު ޗިސްވެގެން ވީނުވީއެއް ނޭނގި 2030 މީހަކު ގެއްލިފައިވާ އިރު، އޭގެ ތެރޭގައި 1120 ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންގެ 132 މީހަކު ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.
ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 125 އަށްވުރެ މަތި ވެފަ އެވެ. އިޒްރޭލު ސިފައިން ހުޅަނގު އައްސޭރިން ހައްޔަރުކުރި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 1830 އަށް ވުރެ މަތިވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.