ފަލަސްތީނުގެ ޣައްޒާ އަށް ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް އިޒްރޭލުގެ ސިޔާސީ ބައެއް ވެރިން ގޮވާލާފައިވާތީ، އެ މައްސަލަ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ އަށް ރަސްމީކޮށް ހުށަހަޅައި، އެކަމުގެ ހަގީގަތް ބަލައިދިނުމަށް ފަލަސްތީނުން އެދިއްޖެ އެވެ.
އިޒްރޭލްގެ އިސްތިއުމާރީ ހިސޯރުގައި އޮންނަތާ 17 އަހަރުވީ ޣައްޒާ އަށް ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް ގޮވައިލި މީހުންގެ ތެރެއިން އެކަކީ، ހުސްވި އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެކަމަށް ގޮވައިލި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ތާލީ ޣޯތުލީފް އެވެ. އޭގެ ފަހުން، ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ މޯޝޭ ވޭގްލިން ވެސް ވަނީ، ޣައްޒާ އަށް ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް، މިމަހުގެ 2 ވަނަ ދުވަހު ގޮވާލައިފަ އެވެ.
އެއަށް ފަހު އެ ލިސްޓުން ޖާގަ ހޯދީ އިޒްރޭލުގެ ތަރިކައާ ބެހޭ ވަޒީރު އަމިޚާއީ އެލިޔާހޫ އެވެ. މި މަހުގެ 5 ވަނަ ދުވަހު އިޒްރޭލުގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮތް އެއް ގޮތަކީ ނިއުކްލިއާ ބޮމަކުން ހަމަލާ ދިނުން ކަމަށެވެ. ޣައްޒާގެ އުތުރުން މީހުން ހުސްކޮށް އެ ސަރަހައްދުގައި ޔަހޫދީ އާބާދީތައް ހެދުމަށް ވެސް އޭނާ ގޮވައިލި އެވެ.
"އެމީހުން ބޭނުމިއްޔާ އަޔަލޭންޑަށް ނުވަތަ ސަހަރާ ތެރެއަށް ވެސް ދެވިދާނެ. ޣައްޒާގެ ފުރޭތަތައް އުޅޭނެ ތަނެއް ހޯދުމަކީ އެމީހުންގެ އަމިއްލަ ކަމެއް. ފަލަސްތީނުގެ ދިދަ ނުވަތަ ހަމާސްގެ ދިދަ ހިފައިގެން އުޅޭ އެންމެ މީހަކަށް ވެސް މި ބިންމަތީގައި ދިރިއުޅުމުގެ ފުރުސަތު ދީގެން ނުވާނެ،" އިޒްރޭލުގެ ތަރިކައާ ބެހޭ ވަޒީރު އަމިޚާއީ އެލިޔާހޫ ވިދާޅުވި އެވެ.
އިޒްރޭލުގެ އިސް ސިޔާސީ މީހުންގެ ތެރޭގައި ހިމެނޭ މި މީހުންގެ ވާހަކަތަކަށް ހަވާލީ، އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގައި ފަލަސްތީނު ސަރުކާރުން އެދިފައިވަނީ، އިޒްރޭލުގައި ހުރި ނިއުކްލިއާ ހަތިޔާރުގެ ހަގީގަތްތައް ބަލައިދިނުމަށެވެ. ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ، އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައޭލް މާރިއާނޯ އަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިޒްރޭލުގައި ނިއުކްލިއާ ހަތިޔާރާއި ފަނާކުރަނިވި ހަތިޔާރުތައް ހުރި ކަމަށް އެ ގައުމުން އަމިއްލަ އަށް އިއުތިރާފްވެފައިވާ ކަމަށެވެ.
ޣައްޒާ އަށް ނިއުކްލިއާ ބޮން އަޅައި ޣައްޒާގެ އާންމު ރައްޔިތުން މަރައި ހުސްކުރުމަށް އިޒްރޭލުގެ ވަޒީރަކު ގޮވައިލި އިރު، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ ވެސް އެއީ އެވެ. ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި، ހަނގުރާމަވެރިންނަށް އަމާޒުކުރާ ހަމަލާތަކަށް ވުރެ، މާ ބޮޑަށް ވެސް ގިނައީ އާންމު ރައްޔިތުންނަށް ދޭ ހަމަލާތަކެވެ.
އޮކްޓޫބަރު 7، 2023 ން ފެށިގެން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ 90 އިންސައްތަ އަށް ވުރެ ގިނަ ހަމަލާއަކީ، ޣައްޒާގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ދިން ހަމަލާތަކެވެ. އޭގެ އިތުރުން ހޮސްޕިޓަލުތަކާއި ކްލިނިކްތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން ސްކޫލްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާތައް ދެމުންނެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 34 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10560 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26900 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2500 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 165 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2380 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 210 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.