ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "އޮޕަންހައިމާ"ގައި ބަލާ މީހުންނަށް ނިއުކްލިއާ އެކްސްޕްލޯޝަނެއް ނުވަތަ ނިއުކްލިއާ ބޮމެއް ގޮވުމުގެ އިހުސާސް ކުރެވޭނެ ކަމަށް އޭނާ ބުނެފި އެވެ.
ނޯލަންގެ ފިލްމުތައް މަޝްހޫރުވެފައި ވަނީ ވެސް ތަފާތު، "ރިއަލް" މަންޒަރުތައް ގެނެސްދޭ ފިލްމުތަކެއްގެ ގޮތުގަ އެވެ. އޭނާ އަކީ ފިލްމުތައް ބަލާ މީހުންނަށް އަސްލު އިހުސާސްތައް ގެނެސްދިނުމުގެ ގޮތުން ޕްރެކްޓިކަލް ސްޓަންޓުތައް ޖައްސާ ކުޅަދާނަ ޑައިރެކްޓަރެކެވެ. އޭނާގެ ފިލްމު "ޓެނެޓް"ގެ މަންޒަރަކަށް އަސްލު ބޮއިންގް 747 ގެ މަތިންދާބޯޓެއް ވެސް ގޮއްވާލި އެވެ.
"އޮޕަންހައިމާ"ގެ މަަންޒަރެއްގައި ނޯލަން ވަނީ ދެވަނަ ބޮޑު ހަނގުރާމަައިގެ ދުވަސްވަރު، ޖުލައި 1945 ގައި ނިއު މެކްސިކޯގައި ގޮއްވާލި ނިއުކްލިއާ ބޮމުގެ މަންޒަރު ރިކްރިއޭޓް ކޮށްފަ އެވެ.
ނޯލަންގެ އަމާޒަކަށްވީ ސީޖީއައި އަށް ބަރޯސާ ނުވެ، ނިއުކްލިއާ ބޮމެއް ގޮވުމުގެ އަސަރުތައް އެންމެ ރަނގަޅަށް ނެގުމެވެ.
ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޯލަން ވަނީ އެ މަންޒަރުން ބަލަން ތިބޭ މީހުންނަށް ގާތްގަނޑަކަށް ހަމަ އަސްލު ބޮމުގެ އަސަރު އިހުސާސްކުރެވޭނެ ކަމަށް ބުނެފަ އެވެ.
"...ކުރީގައި ހަމައެކަނި އަޑު ބޭނުންކޮށްގެން ބެލުންތެރިންގެ ފަރާތުން ފިޒިކަލް ރެސްޕޮންސެއް ލިބުނު ކަންކަން މިހާރު މަންޒަރުތައް ބޭނުންކޮށްގެން ގެނެވޭނެ،" ނޯލަން ބުންޏެވެ.
"އޮޕަންހައިމާ" ބިނާކޮށްފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނިއުކްލިއާ ބޮން އުފެއްދުމުގައި އިސް ދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.