ޕްޔޮންޔަންގް (ސެޕްޓެމްބަރު 15) - ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަގުވާމީ މަލްޓި ސްޕޯޓްސް އިވެންޓުތަކުން ފަސް އަހަރު ވަންދެން އެކަހެރިވެ އޮތުމަށް ފަހު، އުތުރު ކޮރެއާ މިއަހަރު ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސްގައި ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.
އުތުރު ކޮރެއާ އެންމެ ފަހުން ބައިވެރިވި މަލްޓި ސްޕޯޓްސް އިވެންޓަކީ 2018 ވަނަ ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސް އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ފެތުރުނު ކޮވިޑާ ގުޅިގެން، 2020 ވަނަ އަހަރު ކުރީކޮޅު އެގައުމުގެ ބޯޑަރުތައް ބަންދުކޮށް، 2021 ވަނަ އަހަރަށް ފަސްކުރި ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރި ނުވެ އެވެ.
އޮލިމްޕިކްސްގައި ވާދަ ނުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ މިދިޔަ އަހަރު ޗައިނާގައި ބޭއްވި ބެއިޖިން އޮލިމްޕިކްސް އިން އުތުރު ކޮރެއާ ސަސްޕެންޑް ކޮށްފަ އެވެ. ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ވެސް އެގައުމުން ނިންމީ ނުކުޅޭށެވެ.
ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ގައުމު ތަމްސީލު ކުރަން އެގައުމުން މިހާރު ވަނީ އެތުލީޓުން ގައުމުން ބޭރަށް ފޮނުވަން ފަށައިފަ އެވެ. އަދި މި މަހުގެ 23 އިން އޮކްޓޫބަރު އަށަކަށް ޗައިނާގެ ހަންގްޒޫ ސިޓީގައި ފަށާ އޭޝިއަން ގޭމްސްގައި ހަ ކުޅިވަރަކުން 191 އެތުލީޓުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮން އުން އަކީ ކުޅިވަރަށް ލޯބި ކުރައްވާ ލީޑަރެކެވެ. އަދި މުބާރާޓް ބާއްވާ ގައުމު ޗައިނާ އަކީ އުތުރު ކޮރެއާގެ ދުވަސްވީ އެކުވެރިއެއްގެ އިތުރުން، އިގްތިސާދީ ގޮތުން ވެސް އެންމެ ގާތް ގައުމެވެ.
އޭޝިއަން ގޭމްސް ބާއްވަން އެންމެ ފުރަތަމަ ހަމަޖެހުނީ މިދިޔަ އަހަރެވެ. ނަމަވެސް ކޮވިޑާ ހުރެ މިއަހަރަށް ފަސްކުރީ އެވެ. ހަންގްޒޫ އަކީ ޗައިނާގައި އޭޝިއަން ގޭމްސް ބާއްވާ ތިންވަނަ ސިޓީ އެވެ. އެންމެ ފުރަތަމަ 1990 ވަނަ އަހަރު ބެއިޖިންގައި ބާއްވާފައި 2010 ގައި ބޭއްވީ ގުއަންޒޫ ސިޓީގަ އެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގައި 12،200 އެއްހާ އެތުލީޓުން ވާދަ ކުރާނެ ކަމަށް ބެލެވެ އެވެ. މިއީ އެންމެ ފަހުން އޮތް އޮލިމްޕިކްސްގައި ވާދަކުރި ވަރަށް ވުރެ ގިނަ އަދަދެކެވެ.