ރަށްރަށުގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއެއް އަންނަ އަހަރު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ލަންދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެދުނު އެއް ކަމަކީ، ހޭންޑްބޯޅަ ކޯޓެއް އަޅައިދިނުމެވެ.

ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، ހޭންޑްބޯޅައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަންހެނުން ކުޅޭ ކުޅިވަރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި، ރަށްރަށުގައި ހޭންޑްބޯޅައަށް ހާއްސަ ކޯޓުތައް އެޅުން ހިމަނުއްވާނެ ކަމަށެވެ.

ލަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ލަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯލް ކުޅުމަށް ބޭނުންވާތީ، އަދި އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވާ ކުޅިވަރަކަށް ވާތީ މި މަޝްރޫއުއަކީ ވަރަށް ގިނަ ރަށްތަކުގައި ހިންގަން ޖެހޭ މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.

"އެހެންވެ އަންނަ އަހަރަށް އަޅުގަނޑުމެން ހަދާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭންޑްބޯޅަ ކޯޓު ހަދަން ޖެހޭ ތަންތަނުގައި ހެދުމުގެ ވަކި ޕްރޮގްރާމެއް ކަނޑައަޅައި، އަލަށް ފަށާ މަޝްރޫތަކުގެ ލިސްޓަށް ލައިގެން ކޯޓު ހަދަން ޖެހޭ ރަށްތަކުގައި ހެދުމުގެ މަޝްރޫއެއް ގެންދާނެ،"

އެ ރަށްތަކުގެ ތެރޭގައި ލަންދޫ ވެސް ހިމަނުއްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުން އެދުނު ގޮތަށް ކޯޓެއް އަޅުއްވައިދެއްވާނެ ކަަމަށެވެ.

ލަންދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބަނދަރަށް ނުކުތް ކުދިންތަކަކާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ލަންދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބަނދަރަށް ނުކުތް ކުދިންތަކަކާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވެސް މިހާރު ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ހޭންޑްބޯޅަ އެވެ. ގިނަ ރަށްރަށުގައި ހޭންޑްބޯޅަ ކުޅެނީ ފުޓްސެލް ކުޅުމަށް ހަދާފައި ހުންނަ ދަނޑުތަކުގަ އެވެ.

އެ ކުޅިވަރަށް ހާއްސަ ދަނޑެއް އޮންނަނީ ހަމައެކަނި މާލޭގަ އެވެ. މާލޭގެ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ގާއިމްކޮށްފައިވާ ހޭންޑްބޯލް ކޯޓު އިންޑޯ ކޯޓަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.