ނ. ލަންދޫ ކައުންސިލުން ފައިސާގެ މުއާމަލާތްތަކުގައި އުރީދޫގެ އެމް-ފައިސާ ބޭނުންކުރަން ފަށައިފި އެވެ.
ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒު މުހައްމަދު ވިދާޅުވީ އެ ކައުންސިލުން މަސައްކަތްކުރަމުން ދަނީ އެ ކައުންސިލުގެ ހިދުމަތްތައް ލުއިފަސޭހަކޮށް ކުރެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފެށުމުން އެ ކައުންސިލްގެ މަސައްކަތްތަކަށް ވެސް ލުއި ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ކައުންސިލުން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީ އަދި އިތުރު ފީތައް ވެސް އެމް-ފައިސާ މެދުވެރިކޮށް ދެއްކޭނެ. އެމް-ފައިސާގެ ސަބަބުން ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިވުމުގެ ސަގާފަތް ވެސް ޕްރޮމޯޓްވެގެން ދާނެކަމަށް ގަބޫލުކުރަން." އޭނާ ވިދާޅުވި އެވެ.
އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ރަށުގެ ކައުންސިލަށް އެމް-ފައިސާ ތައާރަފްކުރުމަކީ އެ ސަރަހައްދުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެމް-ފައިސާ އަކީ ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ޖީއެސްޓީ ދެއްކުން ފަދަ ހިދުމަތްތަކުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ވެސް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. އެމް-ފައިސާއިން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް އަދި އުރީދޫގެ ހިދުމަތްތަކަށް ވެސް ފައިސާ ދެއްކޭނެ އެވެ.