އަމިއްލަ އަށް ދުވާ ކާރުތަކުގެ އަޖުމަބެލުމަށް، ޖަޕާނުގެ ނިސާން ތައްޔާރުވަނީ އެވެ. އަމިއްލަ އަށް ދުވާ ކާރުތައް ޓެސްޓްކުރާނީ ލަންޑަނުގަ އެވެ. މަގުމަތީގައި މީގެ ކާރު ދުއްވުމުގެ ހުއްދަ ޔޫރަޕްގެ ގައުމެއްގައި ދޭ ކުންފުންޏަކަށް ނިސާން ވާނެ އެވެ.

ނީސާންގެ ލީފް މަރުކާގެ ކާރުތައް ލަންޑަންގެ މަގުތަކަށް ނެރުމަށް ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ނީސާން ލައްވައި އެ މަސައްކަތް ކުރުވަން ސަރުކާރުން ވަރަށް ބޭނުންވެ އެވެ. ދަތުރުފަތުރު ޒަމާނީކޮށް އާ ޓެކްނޮޖީ ތައާރުފުކުރުމަށް ޔޫކޭ ސަރުކާރުން "އިންޓެލިޖެންޓް މޯބިލިޓީ ފަންޑް"ގެ ނަމުގައި ފަންޑެއް ވެސް ވަނީ ހުޅުވާފަ އެވެ.

ޔޫކޭގެ މައި ސަރުކާރުން ނީސާނަށް ފެހި ސިގްނަލް ދިން ނަމަވެސް، އިދާރީ ހިންގުން އޮންނަ ގޮތުން ލަންޑަންގެ ހުރިހާ މަގުތަކެއްގައި ޓެސްޓް ދަތުރުތަކެއް ނުކުރެވެ އެވެ. އެ ކަމަށްޓަކައި ސަރަހައްދީ ސަރުކާރުތަކުން ހުއްދަ ހޯދަން ޖެހެ އެވެ. ނީސާން އަށް އެ ހުއްދަތައް ވެސް ދޭނެ ކަމަށް ވެ އެވެ.

އަމިއްލަ އަށް މަގު ހޯދައިގެން ދަތުރުކުރުމަށްޓަކައި، ބާރުގަދަ ޓެކްނޮލޮޖީ ލީފް ކާރުތަކަށް ވަނީ ދީފަ އެވެ. މަގު ހޯދައި މަންޒިލް ދެނެގަތުމަށްޓަކައި ނިސާން ކާރުތަކުގައި ރާޑަރު، ލޭޒާ، ޖީޕީއެސް އަދި ކެމެރާ ވެސް ބޭނުންކުރެ އެވެ.

ނީސާންގެ އޮފިސަލަކާ ހަވާލާދީ އޮންލައިން މީޑިއާތަކުން ބުނާ ގޮތުގައި، އަޖުމަބެލުމަށް ކުރާ ދަތުރުތައް ކާމިޔާބުވުމާ އެކު، ވިޔަފާރީގެ އުސޫލުން ވިއްކުމަށްޓަކައި އިތުރު މޮޑެލްތައް އުފައްދަން ފަށާނެ އެވެ. އެ ކުންފުނިން އުންމީދުކުރަނީ 2020 ލައިގަތުމުގެ ކުރިން އެ ވިޔަފާރީގައި ސާބިތުވުމަށެވެ.