ކުދި ދޯނީގައި މަސްވެރިކަން ކުރުމަށާއި ފަރުމަހަށް ދާން ބޭނުންވެގެން ސިޓީ ކައުންސިލްގައި އެދޭ މީހުންގެ ނަންނޯޓުކުރަން އެތަނުން ފަށައިފި އެވެ.
މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ވިޔަފާރީގެ އުސޫލުން، ކުދި ދޯނި ފަހަރުތަކުގައި މަސްވެރިކަން ކުރާ މީހުން މާލޭގައި ގިނަ ކަމަށެވެ. އަދި ފަރުމަހަށް ދާ މީހުން ވެސް އެ މީހުންގެ ވިޔަފާރި ބަންދުވެ، އާމްދަނީ ހޯދުމުގެ މަގު ގެއްލިފައިވާތީ އެ ޝަކުވާ ކައުންސިލްގައި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރޭތީ އިއުލާނުކުރި ލޮކްޑައުން އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްްޕީއޭ) އިން ދީފައިވާ ލުއިތަކުގެ ތެރޭގައި އެ ފަދަ މަސްވެރިކަން ކުރަން ހުއްދަ ދިނުމެއް ނުހިމެނެ އެވެ. އެކަމަކު ނަން ނޯޓުކުރަން ފެށީ އެ ފަދަ ލުޔެއް ދޭ އިރަކުން ހުއްދަ ދޭނެ މީހުން ދެނެގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ހަފުތާއެއް ވެއްޖެ މި ފަދަ ޝަކުވާތައް ނޯޓުކުރަމުން އަންނަތާ. މީގެ ތެރޭގައި މިހާރު އެންމެ ގިނައީ ފަރުމަހުގެ މަސްވެރިކަމާއި ކުދި ދޯނީގައި މަހަށް ދާ މީހުން އެކަން ނުކުރެވޭތީ ކުރާ ޝަކުވާތައް،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަރުމަހުގެ ވިޔަފާރި ކުރަން ހުޅުވާލި ނަމަވެސް ޕޯޓަލްއެއް މެދުވެރިކޮށް ހުއްދަ ހޯދައިގެން އެކަން ކުރަން ގިނަ މީހުންނަށް އުނދަގޫވާނެ އެވެ. ނަން ނޯޓުކުރަން ފެށީ އެކަން ލުއިކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
ލޮކްޑައުން އަށް ލުއި ދިން އިރު ހުއްދަ ދޭން ފެށި ފިހާރަތަކަށް ހުއްދަ ދޫކުރުން ސިޓީކައުންސިލާ ހަވާލުކޮށްގެން ފެށި ނަމަވެސް ހުރިހާ ހުއްދައެއް ވެސް މިހާރު ދެމުން އަންނަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ. އެކަމާ ސިޓީ ކައުންސިލުން ވަނީ ފާޑު ކިޔައިފަ އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ރަޖިސްޓްރީކޮށްގެން މާލޭގެ މާރުކޭޓަށް ފަރުމަސް ފޯރުކޮށްދޭ ހަތް ބަޔަކު އުޅެ އެވެ. އަދި އިތުރު ގުރޫޕުތައް މިހާރު ވެސް ރަޖިސްޓްރީ ކުރަން ބޭނުން ވެގެން ހުށަހަޅާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ލޮކްޑައުން އަށް ލުއިތައް ދެމުން އަންނައިރު ވަރަށް ގިނަ ވިޔަފާރިތަކަށް ވެސް ވަކި އުސޫލެއްގެ ތެރެއިން ވަނީ ހުއްދަ ދީފަ އެވެ. އަދި ބަލީގެ ހާލަތު ގޯސް ނުވާ ނަމަ އިތުރު ލުއިތައް ދެމުން ގެންދަން ވަނީ ނިންމައިފަ އެވެ.