މާލެ- ހުޅުލެ ބްރިޖާ ގުޅުވައިގެން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން ހެދުމުގެ މަސައްކަތަށް 140 ގައިދީން ނެރެން ހައުސިން މިނިސްޓްރީން ކަރެކްޝަނަލް ސާވިސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އަހުމަދު ޝިހާނެވެ.

މާލޭ ރިންގް ރޯޑް ޕްރޮޖެކްޓްގެ ދަށުން، މެރީބްރައުން ރެސްޓޯރަންޓާ ހިސާބުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. އެ މަގު ފުޅާ ކުރަމުން އަންނަނީ، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް "މިހާރު"އަށް ވިދާޅުވީ "އަހުލުވެރި ޕްރޮގްރާމް"ގެ ދަށުން މަގު ހެދުމުގެ މަސައްކަތް ނެރޭ ކޮންމެ ގައިދީއަކަށް އެލަވަންސެއްގެ ގޮތުގައި ދުވާލަކު 80ރ. ދޭން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ހަދަމުން އަންނަ ރިންގް ރޯޑް ޕްރޮޖެކްޓް ނިމެންދެން އެ މީހުން ބޭނުންކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އެ މީހުން ނެރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ މީހުން މަސައްކަތަށް އަހުލުވެރިކޮށްގެން މުޖުތަމައަށް ނެރުން. އޭގެ އިތުރުން މަގުގެ މަސައްކަތުގެ ސްޕީޑް ވެސް އަވަސްކުރަން،" އޭނާ ވިދާޅުވި އެވެ.

މަގު ހެދުމުގެ މަސައްކަތުގައި މި މަހުގެ ކުރީކޮޅު ގައިދީންގެ ވިއްސަކަށް މީހުން ބައިވެރިކޮށްފައިވެ އެވެ.

ޝަރީފް ވިދާޅުވީ ބްރިޖާ ގުޅުވައިގެން ހަދާ މަގުތަކުގެ މަސައްކަތްތައް ބްރިޖް ހުޅުވެންވާއިރަށް ނިންމާލެވޭނެ ކަމަށެވެ.

"މިހާރު މަގުގެ ދެ ފަރާތު ޕޭވްމަންޓުގެ ބޮޑު ބައެއް ނިމިފައި. މިހާރު މޭރީބްރައުން އިން ފެށިގެން ސްޓެލްކޯއާ ހަމަޔަށް މަގުގެ ސައިޑްވޯކް ނިމިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޕޭވްމަންޓްގެ މަސައްކަތް ނިމި، މަގުގައި އަތުރާފައިހުރި ގާތަށް ނެގުމުގެ މަސައްކަތް ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އޭގެ ފަހުން ތާރު އެޅުމަށް މަގު ލެވެލްކުރުން ފަދަ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަގުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރު މާލެ ގެނެވިފައި އެބަހުރި. ޝެޑިއުލާ އެއްގޮތަށް މަސައްކަތްކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ، ޖުލައި 26 ވަނަ ދުވަހު ބްރިޖު ހުޅުވައި ބޭނުންކުރަން ފެށުމެވެ.