ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ކަރަންޓު ބިލަށް އަރާފައިވާ 1.6 މިލިއަން ރުފިޔާ ނުދެއްކުމުން، އެ އިދާރާ އިން މިއަދު ކަރަންޓު ކަނޑާލައިފި އެވެ. ނަމަވެސް ދެ ފަރާތުން ކުރި މަޝްވަރާއާ އެކު ވަކި އިރަކުން ފެށިގެން ކަރަންޓުގެ ހިދުމަތް ދިނެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު، "މިހާރު" އަށް ވިދާޅުވީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ފެނަކަ އިން ދޭ ކަރަންޓުގެ ހިދުމަތަށް އަރާފައިވާ ބިލުތަކަށް 2019 އިން ފެށިގެން ފައިސާ ނުދައްކާ ކަމަށެވެ. އެ މުއްދަތުގައި ބިލުތަކަށް 1.6 މިލިއަން ރުފިޔާ އަރާފައިވެ އެވެ.
ބިލުތައް ދައްކައި ހަލާސް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ މޭ މަހު ވަނީ ހަ ލައްކަ ރުފިޔާ ދައްކާފައި ކަމަށް ވިޝާލް ވިދާޅުވި އެވެ.
އޭނާ ވިޝާލް ވިދާޅުވިގޮތުގައި، އޭގެ ފަހުން އެކި މަސްތަކުގައި އެކި އަދަދަށް އައީ ފެނަކަ އަށް ފައިސާ ދައްކަމުންނެވެ. އެކަމަކު އެއް ފަހަރާ ފައިސާ ދައްކައި ހަލާސް ކުރެވޭ ވަރަށް ކައުންސިލްގެ ބަޖެޓްގައި ފައިސާ ނެތް ކަމަށް ވިޝާލް ވިދާޅުވި އެވެ.
ވިޝާލް ވިދާޅުވީ، ކައުންސިލުން ފެނަކައާ އެކު މިހާރު މަޝްވަރާ ކުރަނީ އެ ބިލުތައް ދައްކާނެ ގޮތަކާ މެދު ހައްލެއް ހޯދުމަށް ކަމަށެވެ.