އެޕޮއިންޓްމެންޓް އުސޫލުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެމުން އަންނައިރު އެޕޮއިންމެންޓްގައި ބުނާ ވަގުތަށް ވެކްސިން ޖެހުމަށް ނުދާތީ ސޯޝަލް ސެންޓަރު ކައިރީގެ ކިއު ދިގުވެއްޖެ އެވެ.
މިއަދުން ފެށިގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ވެކްސިން ސެންޓަރަށް ދާން ޖެހެނީ އެޗްޕީއޭގެ ޕޯޓަލަކުން އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. ވެކްސިން ޖަހަން ދެވޭނެ ގަޑި އާއި ތާރީހު، ޕޯޓަލުން އިހުތިޔާރު ކުރަންޖެހޭއިރު އެޕޮއިންޓްމެންޓް ހަމަޖެހުމުން އެކަން އެޗްޕީއޭ އިން މެސެޖެއް މެދުވެރިކޮށް އަންގަ އެވެ.
އެޗްޕީއޭ އިން އަންގާފައި ވަނީ ވެކްސިން ޖެހުމަށް ކޮންމެ މީހަކު ވެސް އެ މީހަކު އެޕޮއިންމަންޓް ހައްދާ ވަގުތުގެ 15 މިނެޓް ކުރިން ދިއުމަށެވެ. ނަމަވެސް ގިނަ ބަޔަކު ވަގުތުގެ ކުރިން ވެސް ކިއުގައި ޖެހިފައި އެބަ ތިބެވެ.
ސޯޝަލް ސެންޓަރުގައި ހިންގާ ވެކްސިނޭޝަން ސެންޓަރަށް ބަލާއިރު އެތަނުގެ ކިއު ވަަރަށް ދިގެވެ. އެތަނުގައި ޖަހާފައިވާ ގޮނޑިތައް ފުރި، ބޭރުގައި ވެސް އެތައް ބަޔަކު ކިއުގައި ޖެހިގެން އެބަ ތިއްބެވެ.
އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދެމުން އަންނައިރު ވެސް ވެކްސިން ކިއު ދިގުވެފައިވާތީ ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ އެގޮތަށް ދިމާވެފައި ވަނީ އެޕޮއިންޓްމެންޓަށް ބެލުމެއް ނެތި ވެކްސިން ޖަހަން އަންނާތީ ކަމަށެވެ. އަދި ބައެއް މީހުން ވެކްސިން ޖެހުމަށް 2-3 ގަޑިއިރު ކުރިން ކިއުގައި ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މިގޮތަށް ކިއުގައި ޖެހޭ މީހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ. އެހެންވެ، އެ މީހުންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ވެސް ބިދޭސީ މަސައްކަތްތެރިންނަށް ކަން އޮންނަ ގޮތް ސާފުކޮށް ދިނުމަށް މަބްރޫކް އެދިވަޑައިގަތެވެ.
މި ވަގުތު ދެވަަނަ ޑޯޒް ޖަހައިދެމުން އަންނަނީ ފެބްރުއަރީ އަދި މާޗު މަހު ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެކަންޏެވެ. ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ދޫކުރާ ގޮތަށް ހަމަޖެއްސުމާ އެކު ކިއުބީ މެދުވެރިކޮށް އަދި އެއްވެސް ވެކްސިނޭޝަން ސެންޓަރަކުން ވެސް ދެވަނަ ޑޯޒް ޖެހުމަށް ނަމްބަރު ދުލެއް ނުކުރާނެ އެވެ. އަދި އެޕޮއިންޓްމެންޓްގައި ބުނާ ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެމީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޝީލްޑް ވެކްސިން ހުސްވާން ގާތްވުމާ އެކު މިދިޔަ މެއި މަހުގެ ކުރީކޮޅު، އެ ވެކްސިން ޖެހުން ހުއްޓާލިއިރު ގިނަ ބަޔަކު ވެކްސިންގެ ދެވަނަ ޑޯޒަށް ޝަރުތު ހަމަވެ، ވެކްސިން ނުޖެހިފައި ތިއްބެވެ. އެކަމަކު އޭރު ދެވަނަ ޑޯޒް ފުރިހަމަ ކުރެވުނީ މަދު ބަޔަކަށެވެ.
ރާއްޖެއިން އަލުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން އިއްޔެ ފަށާފައި މިވަނީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނާ އެކު އެވެ. އެކަމަކު ލިބިފައި ވަނީ ކިތައް ޑޯޒް ކަމެއް ސާފެއް ނުވެ އެވެ.