ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، ބަލި ކޮންޓްރޯލް ކުރުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ ހާއްސަ އެލަވަންސް ބައެއް މީހުންނަށް އަދިވެސް ނުލިބޭތީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައީސް އިބްރާހީމްް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ޓެގްކޮށް، އެމްއެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް އަދިވެސް "ފްރޮންޓްލައިން އެލަވަންސް" ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްއެޗްޕީއޭ އިން ބުނީ، ކޮވިޑާ ގުޅޭ ކަންކަމުގައި ވޮލެންޓިއަރުން މަަސައްކަތްކުރަނީ ޑިއުޓީ ރިޕޯޓްކޮށްގެން ކަމަށް ވާއިރު، ފްރޮންޓްލައިން އެލަވަންސް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެ ލިބެން ޖެހޭ މީހުންގެ ތެރޭގައި ވޮލަންޓިއަރުން ވެސް ހިމެނޭ ކަމަށެވެ.
އެކަމަކު ވައުދުވި ގޮތަށް އެ މީހުންނަށް އެ އެލަވަންސް ނުލިބި، މަސްތަކެއް ވުމަކީ ކަންބޮޑުވުމެއް ކަމަށް އެމްއެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމީ މިދިޔަ އެޕްރީލް މަހު އެވެ. އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތު ކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯރެޓަރީ އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓް ކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ.
ދެވަނަ ކެޓަގަރީއަކީ މީޑިއަމް ރިކްސް އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތު ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތްކުރާ މީހުންނާ އެކުގައި މަސައްކަތް ކުރާ މީހުންނެވެ.
މީޑިއަމް ރިސްކް ކެޓަގަރީގައިި ހިމެނޭ މީހުންނަށް އެލަވަންސްގެ ގޮތުގައި ދެނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ އެވެ.
ތިން ވަނަ ކެޓަގަރީއަކީ ލޯ ރިސްކް މީހުންނެވެ. އެއީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތުން ނަމަވެސް ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.
އެ އެލަވަންސް ދިނުން ލަސްވަމުންދާތީ، ފްރޮންޓްލައިންގައި މަސައްކަތްކުރާ ބައެއް މީހުން ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.