އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓްގެ އެހީގައި، ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން މިއަދު ސޮއިކޮށްފި އެވެ.
ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ހަތަރު ކުންފުންޏަކަށެވެ. އެއީ ވިޝަވަރާޖް އެންވަޔަރަމެންޓް އާއި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) އާއި އެސްއެމްސީ އިންފްރަސްޓްރަކްޗާ އަދި ޓްރެވެރީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް އެވެ.
މި މަސައްކަތްތަކަށް ފަންޑުކުރަނީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި، އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި ހުރިހާ މަޝްރޫއަކަށް 109،876،334.90 ޑޮލަރު (1،694،293،076.29 ރުފިޔާ) ހޭދަކުރާނެ އެވެ. މި މަޝްރޫއުތައް ފުރިހަމަ ކުރަން ކަނޑައަޅާފައި ވަނީ އެއް އަހަރާއި އަށް މަހާ އަދި ދެ އަހަރާއި ދެ މަހުގެ ދެމެދުގެ މުއްދަތެކެވެ.
ޖުމްލަ 34 ރަށެއްގައި މަސައްކަތްކުރަން ހަވާލުކުރި އިރު، 15 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ އެވެ. އަދި 17 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރާ އިރު ހަމަ އެކަނި ނަރުދަމާގެ ނިޒާމް ގާއިމްކުރާނީ ދެ ރަށެއްގަ އެވެ. މި މަޝްރޫއުތަކާއި އެކު ރާއްޖޭގެ އާބާދީގެ 35،000 މީހުންނަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ، ރިޔާސީ ކެމްޕެއިނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވެވި އެއް ވައުދެއް ފުރިހަމަ ކުރަން އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އެއީ އެ މަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދެވުމަށް ވި ވައުދެވެ.
މިނިސްޓަރު ވިދާޅުވީ 110 ރަށެއްގައި މި ވަގުތު ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފެނާއި ނަރުދަމާގެ ނިޒާމް މިހާރު ގާއިމްނުކުރެވި ވަނީ 30 ރަށެއްގައި ކަމަށާއި އެ ރަށްރަށަށް ވެސް މި ހިދުމަތް ފެށުމަށް ވަރަށް އަވަހަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން 14 ރަށެއްގައި މަސައްކަތްކުރާނެ ބަޔަކު ހޯދަން ބިޑަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި 11 ރަށެއްގެ މަސައްކަތް، ކޮންޓްރެކްޓަރުންނާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
މި މަސައްކަތަށް އެގްޒިމް ބޭންކުން ލޯނު ދީފައި ވަނީ 1.75 ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގަ އެވެ. އަދި ލޯނު އަނބުރާ ދައްކަން 20 އަހަރު ދީފައިވާ އިރު،އަނބުރާ ދައްކަން ފަށަން ޖެހޭނީ ފަސް އަހަރު ފަހުންނެވެ.
ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރާ ރަށްރަށް
- ހއ. ކެލާ
- ހއ. ބާރަށް
- ހދ. ވައިކަރަދު
- ށ. ފުނަދޫ
- ށ. ޅައިމަގު
- ނ. މަނަދޫ
- ޅ. ކުރެންދޫ
- ކ. ގާފަރު
- ކ. ކާށިދޫ
- އއ. ތޮއްޑޫ
- އއ. މާޅޮސް
- އދ. ދަނގެތި
- އދ. ދިގުރަށް
- ވ. ފެލިދޫ
- ވ. ފުލިދޫ
- ވ. ތިނަދޫ
- މ. ކޮޅުފުށި
- މ. މަޑުއްވަރި
- މ. މުލި
- ފ. ބިލެތްދޫ
- ފ. ދަރަބޫދޫ
- ދ. ބަނޑިދޫ
- ދ. މީދޫ
- ތ. ހިރިލަންދޫ
- ލ. ގަން
- ލ. އިސްދޫ
- ލ. މަމެންދޫ
- ލ. މާބައިދޫ
- ގއ. ދާންދޫ
- ގއ. ގެމަނަފުށި
- ގއ. މާމެންދޫ
- ގދ. މަޑަވެލި
- ގދ. ފަރެސްމާތޮޑާ
- ގދ. ހޯންޑެއްދޫ
ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދިޔަ މަހު ވެސް ނެޝަނަލް ޕްލޭނިން މިނިސްޓްރީން ވަނީ 18 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.
މިދިޔަ އަހަރު ތަސްދީގު ކުރި "ފެނާއި ނަރުދަމާގެ ގާނޫނު"ގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. މި ކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ އެއް އަހަރުގެ ކުރިން މި މަސައްކަތް ނިމޭނެ ގޮތަށް ސަރުކާރުން ވަނީ ސްޓްރެޓީޖިކް ޕްލޭނެއް ވެސް މިދިޔަ ނޮވެމްބަރު މަހު އެކުލަވާލައިފަ އެވެ.