ހުޅުމާލޭގެ މިސްކިތަކަށް ވަދެ އެތަނުގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން އެ މީހާ ޑީޕޯޓްކޮށްލައިފި އެވެ.
މި މީހާ ވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ހުޅުމާލޭ މިސްކިތަކަށް ވަދެ އުމުރުން ދުވަސްވީ މީހެއްގެ ކަރުގައި ހިފައި އަނިޔާކޮށްފަ އެވެ. އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލުކޮށްފައި ވަނީ އެ ވަގުތު މިސްކިތުގައި ތިބި މީހުންނެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް އޭނާގެ ބަންދަށް އެންމެ ފަހުން ދިން ފަސް ދުވަހުގެ މުއްދަތު މާދަމާ ހަމަވާނެ އެވެ. އޭގެ ކުރިން ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ އަނބުރާ އިންޑިއާ އަށް ފުރާފައިކަން ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ މިސްކިތުގައި ހަމަލާ ދިން މީހާގެ މައްސަލަ ތަހުގީގުކޮށް ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުން އޭނާ ޑީޕޯޓްކުރަން ޕީޖީ ނިންމެވުމުން އެ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ދޫކޮށްލި މީހާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކެފޭއެއްގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.