ރާއްޖެ ތަރައްގީކޮށް، ރަނގަޅު ޖީލެއް ބިނާކުރެވޭނީ ހިޔާލުތަފާތުވުންތަކާއި ދެކޮޅުވެރިކަން ދޫކޮށްލައި، ސުނާމީގައި ދެއްކި ފަދަ އެއްބައިވަންތަ ނަމޫނާއެއް ދައްކައިގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
މީގެ 16 އަހަރު ކުރިން އެރި ސުނާމީގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަން ފާހަގަކުރަން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނީ ހުރިހާ އެންމެންނަށް ގުޅިގެން މަސައްކަތްކޮށްގެންނެވެ. އެ މަންޒަރު ސުނާމީ ކާރިސާއާ ގުޅިގެން ފެނުނު ކަމަށާއި އެކަކު އަނެކަކާ މެދު ކަންތައް ކުރީ އޯގާތެރިކަމާއި އަޅާލުމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ތަރައްގީ ހޯދޭނީ، އަމާންކަން ހޯދޭނީ ރަނގަޅު ރައްޔިތެއް ބިނާ ކުރެވޭނީ، ސުލޫކު ހުރި އަހްލާގު ރަނގަޅު ދަރިންތަކެއް އަޅުގަނޑުމެންނަށް ތަރުބިއްޔަތު ކުރެވޭނީ އެއްކޮށް މަސައްކަތް ކޮށްގެން،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް ދިވެހިން ވަނީ އެކުވެރިކަމާއި އެއްބައިވަންތަ ބައެއްކަން ހާމަކޮށްދީފައި ކަމަށެވެ. ބަލިން އަރައިގަތުމުގެ މަސައްކަތުގައި ބައިވެރިވީ ހަމައެކަނި ސިއްހީ މަސައްކަތްތެރިންނާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ނޫން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. މި ކަމުގައި އާއްމުންނާއި އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނޭ ކަމަށާއި ދިވެހިން އަބަދުވެސް އުޅެންވީ އެކުވެރިކަމާއި އެކުގައި ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކާމިޔާބު އޮތީ ވެސް އެ މަގުން މަސައްކަތްކޮށްގެންނެވެ.
"އަޅުގަނޑުމެންނަށް އޮތް ޗޮއިސް އެއް ނޫން ދެކޮޅުވެރިވުމަކީ. އަޅުގަނޑުމެން ޖެހޭނީ އެކުވެރިކަމާ އެކު ކޮންމެ ކަމެއްގައި އުޅެން،" ފައިސަލް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ މަސައްކަތްތެރިންނާއި އެހެނިހެން ފަރާތްތަކުން ކުރެއްވި މަސައްކަތަށް ވެސް އެ މަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.
އެއްބައިވަންތަކަމުގެ ސިޔާސަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަރަށް ބޮޑު އަހައްމިޔަތު ދެއްވާ ކަމެއް ކަމަށާއި ރާއްޖެ ތަރައްގީ ކުރުމުގައި އެއްވެސް ރަށަކާއި އަތޮޅެއް ބާކީ ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދެކުނު އުތުރު އޭޝިއާ އަށް 2004 ވަނަ އަހަރުގައި އެރި ސުނާމީއާ އެކު 108 މީހަކު ރާއްޖެ އިން މަރުވި އެވެ. ބައެއް ރަށްތަކަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެސް ވި އެވެ.