މިހާރު ވެރިކަމުގައި އޮތް ޕީީޕީއެމް މިހާ ހިސާބަށް އައުމުގައި ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕާޓީ ޕީއޭގެ ވަރަށް ބޮޑު ދައުރެއް އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
"އަސްލު" ގެ ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބާއްވާ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ޕީޕީއެމާއި ޑީއާރްޕީ އާއި ޕީއޭ ގުޅިގެން ކުރި މަސައްކަތުން ކާމިޔާބާއި ނާކާމިޔާބީތަކަކާ ހަމައަށް ވެސް ދިޔަ ކަމަށެވެ.
"ދެހާސް އަށެއްގައި އަޅުގަނޑުމެން އިންތިހާބަކަށް ކުރިމަތިލައިގެން ޕީއޭ އާއި ޑީއާރްޕީ އެއްކޮށް މަސައްކަތްކޮށްގެން އެ ފަހަރުވީ ނާކާމިޔާބު،" ޒަމީރު ވިދާޅުވި އެވެ. "އެކަމަކު އެ ފަހަރު ޕީއޭގައި ތިއްބެވި މެމްބަރުން މިއަދު މި ހިސާބަށް އައުމުގައި ވަރަށް ބޮޑު ރޯލެއް ކުޅެފައިވާނެ."
ޒަމީރު ވިދާޅުވީ އޭރު ޕީއޭ އިން މަސައްކަތް ކުރީ 2008 ގެ ރިޔާސީ އިންތިހާބު ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކާމިޔާބުކޮށް ދެއްވަން ކަމަށެވެ.
"އެކަމަކު އެ ދުވަސް މިހާރު ފަހަނައަޅައި ގޮސް މިއަދު ހިތަށް އަރަނީ އަޅުގަނޑުމެންގެ މުޝްތަރާކީ ހުރިހާ އެންމެންނަށް އިންސްޕިރޭޝަނެކޭ. އޭރުއްސުރެ އެ ކުރެއްވި މަސައްކަތުން މި ހިސާބަށް ވަޑައިގެން، އޭރު އެހާ ކުޑަކުޑަ މެނިފެސްޓޯއެއް ހިފައިގެން ނިކުތީ. އެކަމަކު އެ މެނިފެސްޓޯގައި ހުރި ކަންތައްތައް ތަންފީޒު ކުރެވެން ފެށީމަ ރައްޔިތުންނަށް މި ލިބޭ ފައިދާ އާއި ފަސޭހައަކީ ހައިރާންވާ ވަރުގެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "ދިވެހިންގެ ތެރޭގައި އެއް ބޭފުޅެއްގެ މިހާ ކާމިޔާބު ވިޝަންއެއް އޮތީ އެންމެ ބޭފުޅެއްގެ. އެ ބޭފުޅަކީ ރައީސް ޔާމީން."
ޒަމީރު އަދި ވިދާޅުވީ މިހާރުގެ ސަރުކާރުން މިހާރު އަންނަނީ ބޮޑެތި މަޝްރޫތައް ހިންގަވަމުން ކަމަށާއި އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ވެސް އެ މަނިކުފާން 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެސް ޕީޕީއެމުން ކާމިޔާބު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންތިހާބުތައް ކާމިޔާބު ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށެވެ.