އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނާ މައްސަލާގައި އޭނާ ޕާޓީން ވަކިކުރަން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމައިފި އެވެ.
ފިޔަވަޅު އަޅާ ކޮމެޓީން އެގޮތަށް ނިންމިޔަސް އެ ނިންމުން އިސްތިއުނާފް ކޮމެޓީގައި އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އަލްހާނަށް އޮންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އަލްހާން ޕާޓީން ވަކިކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އަލްހާންގެ އަމަލުތައް ހުރިގޮތުން ޕާޓީއަށް ގެއްލުންވެ، މަސްލަހަތު ގެއްލެމުންދާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކުރައްވައި މައްސަލަ ހުށަހެޅުމުންނެވެ.
އަލްހާން ޕާޓީން ވަކިކުރުމުގެ އިތުރުން އޭނާ އަލުން އެ ޕާޓީއާ ގުޅޭ ނަމަ އިތުރު 50 މެމްބަރުން އެ ޕާޓީއަށް ގެންނަންޖެހޭނެ ކަމަށް ވެސް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި ޕާޓީއާ އަލުން ގުޅުނަސް އާންމު މެމްބަރުންގެ ކިބައިން އަލްހާން މާފަށް އެދެންޖެހޭނެ ކަމަށާއި ޕާޓީއާ އަލަށް ގުޅޭ ތާރީޚުން ފެށިގެން ތިން އަހަރު ވަންދެން ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް އަލްހާނަށް ކުރިމަތި ނުލެއްވޭ ގޮތަށް ވެސް އެ ކޮމެޓީން ވަނީ ނިންމައިފަ އެވެ.
އަލްހާން ކުރިން ވިދާޅުވެފައިވަނީ ޕާޓީން އޭނާ ވަކިކޮށްފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ. އެކަމަކު އެ މައްސަލަ ކޯޓަށް ހުށަހެޅި ކަމެއް އަދި ނޭނގެ އެވެ.
މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ 2014 ގައި ނާކާމިޔާބުވުމުން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ، އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރި މައްސަލާގައި ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކުގައި ވާދަކުރުން އަލްހާނަށް ވަނީ ދޮޅު އަހަރަށް މަނާކޮށްފަ އެވެ.