ދަރިންނަށް އިހުމާލުވުމުގެ ތުހުމަތުގައި ކ. ގާފަރުގައި ބައްޕަ ހައްޔަރުކޮށް، އޭނާގެ ހަތަރު ދަރިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ދަރިންނަށް އިހުމާލުވުމުގެ ތުހުމަތުގައި މިއަދު ފިރިހެނަކު ހައްޔަރުކުރިކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމަކު މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.
ގާފަރުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ހަތަރު ކުދިންނަކީ ވެސް 16 އަހަރުން ދަށުގެ ކުދިން ކަމަށާއި އެ ކުދިންގެ މަންމަ މިހާރު އެ ރަށުގައި ނޫޅޭ ކަމަށެވެ.
"މަންމަ އެ ކުދިން ދޫކޮށްލާފައި ދިޔަތާ މިހާރު ދޮޅު މަހެއްހާ ދުވަސް ވެއްޖެ. ކުދިން ބަލަނީ އެންމެ ދޮއްޓަށް ހުންނަ އަންހެން ކުއްޖާ،" އެ މީހާ ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންތައް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް ގޮސްފަ އެވެ.