އދ. މަހިބަދޫން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މަހިބަދޫ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އުމުރުން 80 އަހަރުން މަތީގެ އެ ފިރިހެންމީހާ މިދިޔަ ހުކުރު ދުވަހު ހެނދުނު އެ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި، ބަނޑު ފުއްޕައި، އެއްކޮށް ރީނދޫވާތީ ކަމަށެވެ.
އެކަމަކު، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ކޮވިޑުގެ އެއްވެސް އަލާމާތެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަދަން ޖެހޭ ބައެއް ޓެސްޓުތައް މަހިބަދޫ ހޮސްޕިޓަލުން ހެދެން ނެތުމުން، ހުކުރު ދުވަހު ހަވީރު އެ މީހާ މާލެ ފޮނުވައިލީ ކަމަށެވެ. އޭނާގެ ފުރަތަމަ ޓެސްޓުގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްކަން އެޗްޕީއޭ އިން އެންގީ ޖެހިގެން އައި ހޮނިހިރު ދުވަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކިއެކި ފަރުވާ ހޯދުމަށް މާލޭގެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ އެންމެން ވެސް މި ދުވަސްވަރު ކޮވިޑަށް ޓެސްޓު ކުރެ އެވެ.
"ކޭސްގެ ގޮތުން، އޭނާ އެއްވެސް މީހަކާ ވެސް ބައްދަލުވެފައި ނުވާތީ މިހާރު ދެވަނަ ސާމްޕަލެއް ނަގައި ނަތީޖާ ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނީ. ދެން އޭރުން ޔަގީން ވާނީ،" އޭނާ ވިދާޅުވި އެވެ.
މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ހަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ، މާލެ އިން ދިޔަ 12 ވަރަކަށް މީހުން ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވި މީހާއާ އެއިން މީހަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަހިބަދޫން ކޮވިޑަށް ޕޮޒިޓިވްވީ އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުކުމެ ނޫޅޭ މީހެއް ކަމަށް ވާއިރު، އެކަމާ ސުވާލު އުފެދެ އެވެ.
ހަލީލް ވިދާޅުވީ، މަހިބަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އަދި ވަކި ގޮތަކަށް އަމަލުކުރަން އެޗްޕީއޭ އިން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ރަށުތެރެއިން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ..
ރާއްޖެ އިން މިހާތަނަށް 4،898 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 2،791 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 2،088 މީހަކަށް ފަރުވާދެމުން އަންނަ އިރު 19 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.