ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރުން އަވަސް ކުރަން ނުފެންނަ ކަމަށް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަސައްކަތްތައް އަވަސް ކުރުމަށް ބިލެއް ނުވަތަ އިސްލާހެއް މަޖިލީހުގައި ބަހުސް ކުރަން ފެނޭތޯ ވޯޓަށް އަހައިގެން ތަޅުމުގައި ބަހުސް ކުރެވިދާނެ އެވެ.

ދެ ބިލަށް ބަހުސް ކުރަން އަވަސް ކުރުމަށް ނުފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 21 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހަށް ބަހުސް ކުރަން ނުފެންނަ ކަމަށް ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުން މި ގޮތަށް ފާސްވިޔަސް، މި ދެ ބިލު ބާތިލްވި ކަމަކަށް ކަނޑައެއް ނާޅަ އެވެ. އެހެންކަމުން ދެން އޮންނަ ޖަލްސާއެއްގައި މި ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

ނިޒާމީ މައްސަލައެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ބިލަކަށް ބަހުސް ކުރަން ނުފެންނަ ކަމަށް ފާސް ކުރުމަކީ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މުޅިން އަލަށް ކުރި ކަމެއް ކަމަށެވެ. އަދި ދެ ބިލަށް ގަނޑުކޮށް ވޯޓަށް އެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މީގެ ކުރިން މަޖިލީހަށް ހުށަހެޅި އިސްލާހުތައް އަވަހަށް ނިންމުމަށް ރިޔާސަތުން ފުރަތަމަ ކިޔުން އިއްވާ ދުވަހު އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި ރިޔާސަތުން މިގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަލްސާ ކޮންމެ ދުވަހަކު އޮންނަނީކީ ނޫން، މަސައްކަތް ކުރާނެ ވަގުތު އެބައޮތް،" ފައިސަލް ވިދާޅުވި އެވެ. "މަޖިލީހުގެ ރިޔާސަތުން މިގޮތަށް ނިންމުމަކީ ހުދުމުހުތާރު އަމަލެއް."

ވަޒީފާއާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނުގައި ބިދޭސީންގެ ބޭންކް އެކައުންޓެއް ހަ މަސް ދުވަސް ތެރޭގައި ހުޅުވަން ޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން ނަމަ، ބިދޭސީން އެކައުންޓެއް ހުޅުވަން ޖެހޭނީ ހަ މަސް ތެރޭގަ އެވެ.

ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އިސްލާހުގައި ބުނެފައި ވަނީ ރިސޯޓެއް ނުވަތަ ހޮޓަލެއް ހުޅުވޭތާ މަދުވެގެން ފަސް އަހަރުގެ ތެރޭގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ނިސްބަތުން ވަޒީފާގެ ފުރުސަތު ދޭން ވާނެ ކަމަށެވެ.

މިދިޔަ ދައުރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމުރީން ލިބޭ ގޮތަށް، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ފައިސަލް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފަ އެވެ.