ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ އަދިވެސް ހޭ ނާރާކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ.
އެ ރަށު ނައިބުތުއްތު މަގުގައި ދެ ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިސްމާއިލް ސައީދު، 32، ގެ ބޭބެ އަހްމަދު ސައީދު "މިހާރު" އަށް ބުނީ އައިޖީއެމްއެޗްގައި ނިއުރޯ ސާޖަންއެއް ނެތުމުން އިސްމާއިލް އޭޑީކޭ އަށް ގެންގޮސް ސިކުނޑީގެ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.
"އޭޑީކޭ އިން ހަދަންވާ ޓެސްޓުތައް ހެދުމަށް ފަހު ހަމަ އެރޭ ބްރެއިން ސާޖަރީއެއް ހެދި،" އަހުމަދު ބުންޏެވެ.
އިސްމާއިލްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނާ ކަމަށާއި އެކަމަކު އަދިވެސް ހޭނާރާ ކަމަށް އަހުމަދު ބުންޏެވެ.
އެކްސިޑެންޓުގައި ބޮލަށް އަނިޔާއެއް ލިބުނު 21 އަހަރުގެ އަންހެނެއްގެ ސީޓީ ސްކޭނެއް ހަދަން އޭނާ ވެސް ވަނީ މާލެ ގެނެސްފަ އެވެ. ސްކޭން ހެދުމަށް ފަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
މި އެކްސިޑެންޓުގައި، އިސްމާއިލްގެ ސައިކަލު ފަހަތުގައި މީހަކު އިން ނަމަވެސް އޭނާ އަށް މާ ބޮޑު އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.