ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ބައިތިއްބާ، ކުޑަކުދިންގެ ހިޔާއާ ގުޅޭ ގިނަ މައްސަލަތަކެއް، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ފާހަގަކޮށްފި އެވެ.
މިދިޔަ ފެބުރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކުޑަކުދިން ބައިތިއްބާ ހަތަރު މަރުކަޒަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ވަޒަންކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން، ވިލިމާލޭގައި ހުންނަ ހިޔާގެ އާއްމު ސާފުތާހިރުކަމާއި ތަނުގެ ސެކިއުރިޓީ އާއި ހިންގުމާއި ކުދިންނަށް ލިބޭ ހިދުމަތްތައް މިހާރުން މިހާރަށް އިސްލާހުކުރަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކަންކަން އިސްލާހު ކުރުމުގެ ގޮތުން، އެ ކޮމިޝަނުން ވަނީީ ކުޑަކުދިންގެ ހިޔާގައި ހުރި މައްސަލަތައް ހިމަނައިގެން ރިޕޯޓެއް ތައްޔާރުކޮށް ރައީސަށް އަރުވާފަ އެވެ.
ކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ އެ ކޮމިޝަނުން ބުނިގޮތުގައި، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ހިޔާގައި ހުރި މައްސަލަތަކާއި މިހާރު އެތަނުގައި ތިބި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އިސްލާހުކޮށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ 34 ކަމެއް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވާނެ އެވެ. އަދި އެކަންކަން އިސްލާހު ކުރުމަށް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން، ސަރުކާރުގެ ފަރާތުން ތަންފީޒު ކުރާނެ ކަމުގެ ޔަގީން ރައީސް ދެއްވާފައިވާ ކަމަށް އެތަނުން ބުންޏެވެ.
އެ ކޮމިޝަނުން މިހާރު އަންނަނީ، ކުޑަކުދިން ޝާމިލްވާ މައްސަލަތަކުގައި، ކަމާ ބެހޭ އިދާރާތަކުން އަމަލު ކުރަން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާއި އަދި ގުޅުން ހުރި އެ ފަދަ ކަންކަން ރިވިއު ކުރަމުންނެވެ. އަދި ކުޑަކުދިންގެ ހައްގުތަކަށް އިހުމާލުވެފައިވާ ވަކިވަކި މައްސަލަތައް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އެތަނުން ބުންޏެވެ.
ގިނަ އަދަދެއްގެ ކުޑަކުދިން ބަލަހައްޓަމުން އަންނަ ހިޔާގެ މައްސަލަތައް މީގެ ކުރިން ވެސް ގިނައިން ފެންމަތިވެފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އެތަނުން ކުދިން ފިލާ މައްސަލަ އެވެ. އޭގެ އިތުރުން، އެތަނުގައި ތިބޭ ކުދިން، އިމާރާތުގެ އެކި ތަންތަނަށް އަރައި ފުރާނަ އަށް ނުރައްކާވާ ގޮތަށް އުޅޭ މަންޒަރު ވެސް ފެނިފައި ވެ އެވެ.