ސިއްހީ ދާއިރާއާ ގުޅޭ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅު ލިބިވަޑައިގަންނަވާ އިރުޝާދަކީ ލަސްނުކޮށް، ކަންކަން އަވަހަށް ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ކަށަވަރު ކޮށްދޭން ބޭނުންވާ ކަމަކީ، މި ގޮތަށް ކޮންމެހެން ޚިދުމަތް ބޭނުންވެފައި ހުންނަ ރަށްރަށަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި އަލަށް ތައާރަފު ކުރަންޖެހޭ ޚިދުމަތްތައް ތައާރަފު ކުރުމުގައި މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދީފައިވާ އިރުޝާދަކީ އެ ކަންކަން ލަސްނުކޮށް، އެންމެ އަވަހަށް ކުރުން،" ނ. ލަންދޫ ސިއްހީ މަރުކަޒުގެ ލެބޯރެޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އަމީން ވިދާޅުވި އެވެ.
"އެހެންވީމާ، އެއީ އަޅުގަނޑުމެން ކުރަންޖެހޭ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން."
މިނިސްޓަރު ވިދާޅުވީ، ލަންދޫގެ ރައްޔިތުން 10 އަހަރު ވަންދެން އިންތިޒާރު ކުރަމުން އައި ލެބޯރެޓަރީގެ ޚިދުމަތް މިއަދު ލިބުނީ، މި ސަރުކާރުން ސިއްހީ ދާއިރާގައި ގެންގުޅޭ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ޚާއްސަކޮށް އެއީ ރަށްރަށަށް ސިއްހީ ޚިދުމަތްތައް ތައާރަފު ކުރުމުގައި މި ސަރުކާރުން ގެންގުޅޭ އުސޫލުގެ ތެރެއިން އަންނަ ބަދަލެއް ކަމަށް ވިދާޅުވި އެވެ.
ލަންދޫ ސިއްހީ މަރުކަޒުގެ ލެބޯރެޓަރީން ވަނީ ތެލެސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އެ ރަށުގައި، ތެލެސީމިއާ ބަލީގެ ހަތަރު ކުއްޖަކު ދިރިއުޅެ އެވެ.
އަމީން ވިދާޅުވީ، ލަންދޫގެ ލެބޯރެޓަރީގައި ބްލަޑް ބޭންކެއް ގާއިމްކޮށް އަދި އެއީ މޮބައިލް ލެބޯރެޓަރީގެ ހަބަކަށް ވެސް ހައްދަވާނެ ކަމަށެވެ. އޭގެ ބޭނުމަކީ ވެސް ތެލެސީމިއާ ކުދިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކުރިމަގުގައި ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒެއްގައި ލެބޯރެޓަރީއެއް ގާއިމް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އަމީން ރޭ ވަނީ، ނ. މަނަދޫގައި ހިންގާ އެ އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތް ވެސް ފައްޓަވައި ދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ނ. އަތޮޅު ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއެއް މިހާރު އިއުލާން ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން އެ ހޮސްޕިޓަލްގެ ލެބޯރެޓަރީގެ މައްސަލަ އާއި ޑޮކްޓަރުން ބަލާ ކޮޓަރި ނެތުމުގެ ގޮންޖެހުމަށް ހައްލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
"އަދި އެއާ އެކު، މި ހޮސްޕިޓަލްގެ އާ އިމާރާތާ އެކީގައި، މި ސަރަހައްދުގެ ސިއްހީ ޚިދުމަތަށް ވެސް އާދަޔާ ޚިލާފު ކުރިއެރުންތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.