އައްޑޫގައި މަސައްކަތްކުރާ ޕަބްލިކް ވޯކްސްގެ މުވައްޒަފުން ސިވިލް ސާވިސްގެ އާ އޮނިގަނޑަށް ފައްތަން ނިންމުމާ ގުޅިގެން މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކައް ހައްލެއް ހޯދައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެެވެ.
މިހާރު ތިބި މުވައްޒަފުންގެ ތެރެއިން 55 އަހަރުވެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް މާދަމާ އިން ފެށިގެން އާ ނުކުރަން ޕްލޭނިން މިނިސްޓްރީން ނިންމުމާއި އާ އޮނިގަނޑުގެ ދަށުން މުވައްޒަފުންނަށް ލިބޭ އުޖޫރަ ވެސް ވަރަށް ބޮޑަށް ދަށްވާތީ މުވައްޒަފުން ވަނީ މި މައްސަލަ އަށް ހައްލެއް ހޯދައިދޭން ކައުންސިލަށް މިއަދު ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އަދި މިކަމާ ގުޅިގެން މުވައްޒަފުންނާ ކައުންސިލުން ބައްދަލު ވެސް ކޮށްފައިވެ އެވެ.
ޕެޓިޝަނުގައި ވަނީ މުވައްޒަފުންގެ މުސާރަ އަށް ބަދަލެއް ނުގެނައުމާއި މިހާރު ތިބި ހުރިހާ މުވައްޒަފުންގެ ވަޒީފާގައި ބައިތިއްބައި އަދި ކޮންޓްރެކްޓް އާކޮށްދޭން މަސައްކަތްކޮށް ދިނުމަށް އެދިފަ އެވެ.
ނަމަވެސް އާ އޮނިގަނޑަށް މުވައްޒަފުން ފައްތަން ފުރިހަމަކުރަން ޖެހޭ ކަންކަން މާދަމާގެ ނިޔަލަށް ފުރިހަމަކުރަން ޕްލޭނިން މިނިސްޓްރީން ވަނީ މުވައްޒަފުންނަށް އަންގައިފަ އެވެ. އާ އޮނިގަނޑުގެ ދަށުން ޕަބްލިކް ވޯކްސްގެ ވަޒީފާތަކަށް 55 އަހަރުން މަތީގެ މީހުން ނުނަގަން ވެސް ވަނީ ނިންމައިފަ އެވެ. މި އުސޫލަށް އަމަލުރަން ފަށާ އިރު، އައްޑޫ ޕަބްލިކް ވޯކްސްގައި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުބޮޑުވެފައިވާ 20 ވަރަކަށް މުވައްޒަފުން އެބަތިއްބެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ އައްޑޫ ޕަބްލިކް ވޯކްސްގެ މުވައްޒަަފުންނަކީ އަބަދު ވެސް ވަޒީފާ ކަށަވަރުކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ބައެއް ކަމަށެވެ. އެހެންވެ އެ މުވައްފަޒުންނާ ގުޅޭ ކަންކަން ހަރަދުނާ އުސޫލެއްގެ ދަށުން ބެލެހެއްޓޭނެ ގޮތެއް އިންތިޒާމުވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
އައްޑޫ ޕަބްލިކް ވޯކްސްގައި މިހާރު 130 ވަރަަކަށް މުވައްޒަފުން އެބަ ތިއްބެވެ.
"އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވޭތޯ އަޅުގަނޑުމެން މި އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުން. އެކަމުގެ މަޝްވަރާތައް ހުއްޓުމެއް މިނިސްޓްރީއާ އެކު ކުރަމުން މި އަންނަނީ،" މޭޔަރު ވިދާޅުވި އެވެ. "އެއީ ނޫންތޯ އަޅުގަަނޑުމެންނަށް މި ވަގުތު ކުރެވޭނެ ކަމަކީ."
ސޯބެ ވިދާޅުވި ގޮތުގައި އާ އޮނިގަނޑުގެ ދަށުން މުވައްޒަފުންގެ މުސާރަ ކުޑަވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
"އެ މީހުންނަކީ ރިސްކް ބޮޑު ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ ހިލާފަށް ވަރަށް ބުރަ މަސައްކަތްކުރާ ބައެއް،" އޭނާ ވިދާޅުވި އެވެ. "މިސާލަކަށް ސިވިލް ސާވިސްގެ އާދައިގެ ޑްރައިވަރެއްގެ ގޮތުގައި ކާރެއް ދުއްވާ މީހަކާއި ޕަބްލިކް ވޯކްސްގެ ހެވީ ވެހިކަލްތައް ދުއްވާ މީހުންނާ ވަރަށް ތަފާތު ވާނެ."
ކުރިން 7،000ރ. ގެ މުސާރައެއް ލިބޭ މީހާ އަށް އޮނިގަނޑުގެ ދަށުން ލިބޭ މުސާރަ ދެ ގުނަ ދަށްވެ އެވެ. އެހެންވެ މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.