ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކި ނުކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސީ ދައުވާތައް ކުރުވުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ބިޝާމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމުމަށް ފަހު އެ ނިންމުން ފަހުން އެ ކޮމެޓީން އަމިއްލައަށް ވަނީ ބާތިލްކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ބިޝާމް ވަކި ކުރަން ނިންމުމަށް ފަހު 24 ގަޑިއިރު ނުވަނީސް އެ ނިންމުން ބަދަލުކުރި ސަބަބު ކީއްވެގެން ކަން އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ ބޭނުމަކީ ބިޝާމް އެ މަގާމުގައި ބަހައްޓަވައިގެން ސަރުކާރުން ބޭނުންވާ ގޮތަށް އިދިކޮޅު ފަރާތްތަކަށް ސިޔާސީ ދައުވާ ކުރަން ކަމަށެވެ. އަދި ބިޝާމް މަގާމުގައި ބަހައްޓަނީ ސަރުކާރުން ބޭނުންވާ ދައުވާތައް އުފުލައި ނިމެންދެން ވަގުތީ ގޮތުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"ދައުވާތައް ތާހަށް ލައިގެން ނިކުމެގެން މި އުޅެނީ. ސިޔާސީ ދައުވާ މީނަ ލައްވައި އުފުލުވަން ވެގެން ސަރުކާރުން މި އުޅެނީ. މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ ބޭނުންވަނީ ބިޝާމް ލައްވައި، ސިޔާސީ ދައުވާކޮށް، އަޅުގަނޑުމެންގެ ތެރޭގައި ތިބި ލީޑަރުންނާއި އެ ނޫން ވެސް ފަންތީގެ މީހުންނަށް ބިރުދައްކަން މީނަ ލައްވައި މި އުޅެނީ." ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެ ޕާޓީން ބިޝާމަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒު ކުރިކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ ބިޝާމްގެ މައްސަލާގައި އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތް ޖުޑިޝަރީ ކޮމެޓީގެ މެމްބަރުން ވެސް މިހާރު ތިއްބެވީ އަނގައިގަ ޓޭޕް އަޅުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުން މިހާރު ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި، ވަކި ގޮތަކަށް މައްސަލަތައް ނިންމަން ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. ޖުޑިޝަރީ އިސްލާހު ކުރުމަށް އިދިކޮޅު ކޯލިޝަނުން ވެސް ތާއީދުކުރާ ކަމަށާއި އެކަމަކު ކޯޓުތަކުން މައްސަލަތައް ނިންމަންވާ ގޮތް ޖޭއެސްސީ އަށް ވެސް ނޭންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ކޯޓުގައި ހިނގާ މައްސަލައެއް ނިންމަންވީ މިގޮތަށޭ. ތި މައްސަލާގެ ތެރެއިން މިހެންނޭ ހިނގަންވީ. ތި މައްސަލަ މިހެން ނުގެންގޮސްފިއްޔާ ތި ބޭފުޅާގެ މަގާމު ގެއްލޭނެ ކަން ތި ބޭފުޅާ ހަނދާން ކުރާށޭ. މިއީ އިސްލާހެއް ނޫން. އިސްލާހު ކުރަންވާ ގޮތް އަޅުގަނޑުމެންނަށް ވެސް އެނގޭ." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެކަންކަމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ނިންމުންތަކެއް ނިންމާނެ ކަމަށާއި އެއަށް ފަހު މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނެރުއްވި ބަޔާނުގައި އޮތަސް، އެކަމާ މެދު ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށެވެ. އަދި ކަންކަން އެހާ ހިސާބަށް ދާއިރު ވެސް، ބާ ކައުންސިލް ފަދަ މުއައްސަސާތަކުގެ ޒިންމާ އަދާކުރާ ތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.