މާލޭ ޖަލުގެ އެނެކްސް 1 ގެ ހާލަތު ދަށްވެފައި ވަނިކޮށް ގައިދީން ބަންދުކޮށްގެން ގެންގުޅެމުންދާ ކަމަށް ބުނެ، އެތަން ބޭނުން ކުރުން ހުއްޓާލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް 48 ގަޑިއިރުގެ މުހުލަތެއް މިރޭ ދީފި އެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ވިލާ ކޮލެޖް ކައިރީގައި ހުންނަ ރިމާންޑް ޖަލުގެ ތެރޭގައި ބާވެފައިވާ ދަނގަޑާއި، ކުދި ހިލަ ގޯންޏާއި، ވެލި ގޯނި އެބަހުރި ކަމަށާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެ ސާފު ތާހިރު ނޫން ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ރިމާންޑް ޖަލު ބަންދުކުރަން އަންގާފައި އޮއްވައި އިއްޔެގައި އެ ތަނުގެ ތެރޭގައި 25 ގައިދީއަކު ގެންގުޅުނުކަން އެޗްއާރުސީއެމުން ކުރި ޒިޔާރަތުން އެނގުނު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ގައިދީން ރައްކާތެރި ތަނަކަށް ބަދަލު ކުރުމަށާއި އެތަނުގައި އެއްވެސް ގައިދީއެއް ބަންދު ނުކުރަން އަންގާފައިވާނެ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
މި ބަޔާނާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެޗްއާރުސީއެމްގެ ފުރަތަމަ އެންގުމާ އެއްގޮތަށް އެތަނުން ގައިދީން ނެރެފައިވާ ކަމަށާއި އެތަނުގައި މިހާރު ގައިދީން ނުތިބޭނެ ކަމަށެވެ.
އެކަމަކު، މާފުށި ޖަލާއި ހިންމަފުށި ޖަލު ފަދަ ތަންތަނުގައި ތިބޭ ގައިދީން ޑޮކްޓަރަށް ދެއްކުމަށް ނުވަތަ ކޯޓަށް ހާޒިރު ކުރުމަށް ފަހު ފުރުވާލެވެން ދެން އެމީހުން އެތަނުގެ ތެރޭގައި ބަލަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެއްވެސް ގައިދީއަކު އެތަނުގައި ބަންދުކޮށްގެން ގެންގުޅެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އެޗްއާރުސީއެމުން ބުނާ އެ ދުވަހަކީ ވަރަށް ވިއްސާރަކޮށް އޮތް ދުވަހެއް. އެހެންވެ، އެ ތަނުގައި ގައިދީންތަކެއް ގެނެސް ކާންދީ ހަދާފައި ވާނީ، އަޅުގަނޑުމެން އެ ތަނުގައި ގައިދީން ގެންގުޅުން ހުއްޓާލިތާ ކިތަންމެ ދުވަހެއްވެއްޖެ،" ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލޭ ޖަލުގެ ހާލަތާ ގުޅޭގޮތުން އެޗްއާރުސީއެމުން ބަޔާނެއް ނެރުނުއިރު، ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން އުފެއްދި ޚާއްސަ ކޮމިޝަނުން ވެސް ވަނީ ހުރިހާ ޖަލުތަކެއްގެ ހާލަތު ބެލުމަށް ފަހު ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ވެސް ޖަލުތަކުގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވެ އެވެ. އެކަމަކު އެ ރިޕޯޓަށް އެޗްއާރުސީއެމް އިން ވަނީ ފާޑު ކިޔައިފަ އެވެ.