މެރިން ރިސާޗް ސެންޓަރުގެ ނަން ބަދަލު ކުރައްވައި، އެތަނުގެ ބައެއް މަސައްކަތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބަދަލު ގެންނަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މެރިން ރިސާޗް ސެންޓަރުގެ ނަން "މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް"ގެ ނަމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަދަލު ކުރައްވައި، އެތަނުގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓްގެ މަސައްކަތްތަކުގެ ގޮތުގައި، ކަނޑުގެ މާހައުލާއި ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ސައިންޓިފިކް ދިރާސާ ކުރުމާއި ކަނޑުގައި އުޅޭ ދިރުންތަކުގެ މައުލޫމާތު އެއްކުރުމުގެ އިތުރުން ކަނޑުގެ މާހައުލުން މަދުވަމުންދާ ނުވަތަ ނެތިގެން ހިނގައިދާނެ ކަމަށް ބެލެވޭ ދިރުންތައް ދެނެގަނެ، އެ ތަކެތި ރައްކާތެރި ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިރުޝާދު ދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މަސްވެރިކަން ކުރަނީ މަހުގެ އާބާދީ އާއި އެ ތަކެއްޗަށް ގެއްލުން ނުވާ ގޮތަށް ކަން ބެލުމާއި އެކަމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، ފިޝަރީޒް މިނިސްޓްރީއަށް ލަފާ ދިނުމާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ ކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް މައުލޫމާތު ފޯރުކޮށް ދިނުމުގެ އިތުރުން މެރިކަލްޗާގެ ސިނާއަތެއް ގާއިމްކޮށް، އެ ދާއިރާ ތަރައްގީ ކުރަން ބޭނުންވާ ފަންނީ ލަފާ ދިނުން ވެސް އެ އިންސްޓިޓިއުޓްގެ މަސައްކަތްތަކުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މެރިން ރިސާޗް ސެންޓަރު ހިންގަމުން އަންނަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުންނެވެ.