ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ ނ. ލަންދޫގެ ފަސް ކުޑަކުދިންގެ ތެރެއިން ދެ މަހުގެ ކުއްޖާ، އާއިލާގެ އެހެން މީހަކާ ހަަވާލު ކުރުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެއް އާއިލާއެއްގެ ފަސް ކުދިންނެވެ.
އެނގިފައިވާ ގޮތުގައި، ޖެންޑާގެ ޓީމެއް ލަންދު އަށް ގޮސް މަންމަ އާއި ބައްޕަގެ އަތުން ކުދިންތައް ނަގައި އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެކަމަކު، "މިހާރު" އާ ވާހަކަ ދެއްކި ލަންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ދެ މަހުގެ ކުއްޖާ ބަލަން އާއިލާގެ މީހަކު އެދިފައިވާތީ އެ މީހާއާ ކުއްޖާ ހަވާލުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އިހުމާލުވި ކަމަށް ބެލެވޭ ދެމަފިރިންގެ އެހެން ކުއްޖެއް ވެސް، އާއިލާގެ މީހަކު ބަލަހައްޓަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންތައް ގެންދިޔައީ ގޭގެ ސާފުތާހިރުކަމާއި ގޭތެރޭގެ އެހެނިހެން ކަންކަން ވެސް ހުރި ގޮތުން، އެތަނުގައި ކުޑަކުދިން ބައިތިއްބަން އެކަށީގެން ނުވުމުގެ ސަބަބުންނެވެ. ލަންދޫ އެހެން މީހެއްގެ ގޭގައި ދިރިއުޅޭ އެ އާއިލާގެ ބައެއް ކުދިން ސްކޫލަށް ވެސް ނުފޮނުވާ ކަމަށް ވެ އެވެ.
"މިހާރު" އަށް ލިބިފައިވާ އެ ގޭގެ ފޮޓޯތަކުން ފެންނަ ގޮތުގައި ގޭތެރެ އާއި ބަދިގެ އަދި ގިފިލިތެރޭގެ އެއްވެސް ކަހަލަ ސާފުތާހިރުކަމެއް ނެތެވެ. ތެލިތައް ނުދޮވެ ގިނަ ދުވަސް ވަންދެން ހުންނައިރު، އަންނައުނުތައް ވެސް އެތަން މިތަނަށް އުކާލައިފަ އެވެ. ތުއްތު ކުއްޖާ ބާއްވާފައި އޮންނަ އެނދު ވެސް އެހާ ގޮނޑެވެ.
ކައުންސިލުން ބުނީ އެތަނުން އިސް ނަގައިގެން މީގެ ކުރިން ވެސް އެ ގެއާއި ގޯތި ތެރެ ސާފު ކުރި ކަމަށާއި ރަށުގެ ސިއްހީ މަރުކަޒުން ވެސް މައިންބަފައިންނާ ބައްދަލުކޮށް ނަސޭހަތްތެރިވާ ކަމަށެވެ. އެކަމަކު އެކަމަށް އެ މީހުން ޖަވާބުދާރީ ވަނީ ހުތުރުކޮށް ކަމަށް ބުންޏެވެ.
ކުދިންތައް ދައުލަތަށް ނެގުމުގެ ކުރިން ވެސް، ޖެންޑާ އިން ދޭތެރެދޭތެރެ އިން އެ ރަށަށް ގޮސް ކުދިންގެ ހާލަތު މޮނީޓާ ކުރެ އެވެ. އެކަމަކު އެ މައްސަލައިގައި އެއްވެސް ވާހަކައެއް ދައްކަން އަދި ބޭނުން ނުވާ އެ މިނިސްޓްރީން ބުންޏެވެ.