ވިލިމާލެ ކައިރިން ދުއްވާފައި ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި، ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ވިލިމާލެ ކައިރީގައި އޮންނަ ވާދޫ ކަނޑު އޮޅިން މިއަދު ހެނދުނު ދުއްވާފައި ދިޔަ އެ ދެ އުޅަނދު ޖެހުމުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވިޔަސް، އެ ދެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ގެއްލުން ލިބުނު ދޯނި ފަހު ކަފު ޖަހައިގެން ވިލިމާލޭ ފަޅަށް ވައްދަނިކޮށް ވިލިމާލޭ ނެރުމައްޗަށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދޯނި ނެގުމުގެ މަސައްކަތް އޭގެ ވެރިފަރާތުން މިހާރު ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވީ ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ. އެ އެކްސިޑެންޓް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.