މާލޭގެ ހުކުރު މިސްކިތުގެ ދެ ސްޕީކަރެއް ވަގަށް ނެގި މައްސަލައެެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ދެ ސްޕީކަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާއިރު އިތުރު އެއްވެސް ތަފްސީލެއް ނުދިނެވެ.
ހުކުރު މިސްކިތަކީ ޖާގައިގެ ގޮތުން ކުޑަ މިސްކިތެއް ނަމަވެސް ބަންގި އާއި ނަމާދުކުރާ އަޑު އިއްވުމަށް ގިނަ އަދަދެއްގެ ސްޕީކަރު އެ މިސްކިތުގެ އެކި ހިސާބުގައި ހަރުކޮށްފައި ހުރެ އެވެ.
މިސްކިތްތަކުގައި ބޭނުންކުރާ މައިކާއި ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނެގުމަކީ ދޭތެރެދޭތެރެއިން ހިނގަމުން އަންނަ ކަމެކެވެ.
މި ދުވަސްވަރު މާލެ އާއި ހުޅުމާލޭގައި ވަނީ ވައްކަމާއި ފޭރުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ.