އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ގޮތުގެ ފޯމެޓް އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ފޮނުވައި މި ހަފްތާގެ ބުރާސްފަތު ދުވަހުގެ ނިޔަލަށް ހުށަހަޅަން އަންގާފައިވާ ކަމަށެވެ.
އެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަނީ އެ ބޭފުޅުންނާ ދޭތެރޭ އޮތް އިތުބާރު ބޮޑުކުރަން ކަމަށާއި އެ މާލީ ބަޔާންތައް އެ ޕާޓީގެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ކެމްޕެއިންގެ ހުރިހާ ކަމެއް އަދި ކެންޑިޑޭޓުންގެ ހުރިހާ ކަމެއް ވެސް ވީހާވެސް ދެ ފުށް ފެންނަ ސީދާ ގޮތަށް އަޅުގަނޑުމެން އާއްމުކުރަން [މިކަން މިކުރަނީ]،" އަފްޝަން ވިދާޅުވި އެވެ.
"މާލީ ބަޔާނުގެ ފޯމެޓަކީ ވަރަށް ތަފްސީލު ހިމެނޭ ފަސް ޕޭޖުގެ ބަޔާނެއް. އޭގައި ހިމެނޭނެ އެބޭފުޅުންގެ ވިޔަފާރިތަކާއި އެބޭފުޅުންގެ އާމްދަނީ އާއި މިކަހަލަ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް އަޅުގަނޑުމެން އެކުލަވާލާފައިވާ ފޯމެޓެއް އެއީ."
މިދިޔަ ބުދަދުވަހު އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވާ 10 ފޯމެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ.
އަފްޝަން ވިދާޅުވީ އެ ހުރިހާ މައުލޫމާތެއް ހިމަނައިގެން ވަރަށް އަވަހަކަށް ފޯމްތައް ހުށަހަޅާނެ ކަމަށެވެ.
މި ފަހަރުގެ އިންތިހާބުގައި ފ. ނިލަންދޫ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާއެއްގައި އެމްޑީޕީން ވާދަކުރެ އެވެ. އެކަމަކު މިއީ ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ބުނެ ސަރުކާރުގެ އެހެން ބައިވެރިން ދަނީ ފާޑުކިޔަމުންނެވެ.