އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް ޕްރޮފެސަރު ހަސަން އުގެއިލްގެ އެހީތެރިކަން ދިވެހީންނަށް އަބަދު ވެސް ލިބެ އެވެ. ދޭތެރެދޭތެރެ އިން ރާއްޖެ ވަޑައިގެން އެކިއެކި ޚިދުމަތްތައް ކޮށްދެއްވަ އެވެ. ތަފާތު އެކި ސިފަސިފައިގަ އެވެ. އެ ހުރިހާ މަސައްކަތްތަކެއް ވެސް ގުޅިފައި އޮންނަނީ އާންމުން ހޭލުންތެރިކުރުވުމާއި މައުލޫމާތު ފެތުރުއްވުމާއި އިލްމު ފެތުރުއްވުމާ އެވެ. އެ މަސައްކަތުގައި އުގެއިލް މިހާރު ވެސް ހުންނެވީ ރާއްޖޭގަ އެވެ. އެކަމަކު މިފަހަރު އުގެއިލް އާ އެކު އޭނާގެ ދަރިފުޅު ވެސް ހުންނެވީ ޚިދުމަތަށް ނުކުންނަވައިގެންނެވެ.

ބައްޕަ އާ އެކު ރާއްޖެ ވަޑައިގެން ނީނާ އުގެއިލް، 16، ވަނީ މާލޭގެ އެކި ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް އިނގިރޭސި ބަހުން ވާހަކަދައްކާނެ ގޮތް ކިޔަވައިދެއްވަން ފައްޓަވައިފަ އެވެ.

އޯ ލެވެލް ނިންމާލެއްވުމަށް ފަހު ލިބުނު ޗުއްޓީގައި ވަޒީފާގެ ތަޖުރިބާ ހޯއްދަވަން އެހެން ގައުމަކަށް ނީނާ ވަޑައިގަތުމުގެ ބަދަލުގައި ނީނާ ނިންމެވީ އެ ތަޖުރިބާ ރާއްޖޭގައި ކުރުމަށެވެ. ރާއްޖެ ވަޑައިގެން ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކާނެ ގޮތް ދަސްކޮށްދެއްވުމުގެ މަސައްކަތް ނީނާ ފެއްޓެވީ އެހެންވެ އެވެ.

ހިލޭ ސާބަހަށް މަޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރުގެ އިތުރުން ބިލަބޮންގު ސްކޫލުގައި ހަފުތާއެއް ވަންދެން ނީނާ ކިޔަވައިދެއްވާނެ އެވެ. އަދި އަނެއްކާ ވެސް ހަ މަސް ދުވަސް ފަހުން އޭނާ ރާއްޖެ ވަޑައިގެން ހަމަ މިކަން ކުރިއަށް ގެންދަވާނެ އެވެ.

ނީނާ ކަލާފާނު ސްކޫލުގައި ކިޔަވައިދެއްވަނީ
ނީނާ ކަލާފާނު ސްކޫލުގައި ކިޔަވައިދެއްވަނީ

"ދިވެހި ދަރިވަރުންގެ އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު. އެކަމަކު ވާހަކަދެއްކުމުގެ ފެންވަރު ކުޑަކޮށް ރަނގަޅު ކޮށްލައިފި ނަމަ އިތުރަށް ފުރިހަމަވާނެ. އެހެންވެ އަޅުގަނޑު މި ނިންމީ ރާއްޖެ އައިސް ދަރިވަރުންނަށް އިނގިރޭސި ބަހުން ވާހަކަދައްކާނެ ގޮތް ދަސްކޮށްދޭން. ބަސްތައް ޕްރޮނައުންސް ކުރާނެ ގޮތްތަކާ އެކީގައި،" ނީނާ ވިދާޅުވި އެވެ.

ނީނާގެ އެ މަސައްކަތާ ގުޅޭގޮތުން އުގެއިލް ވިދާޅުވީ ބޭނުންވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅުނު ނަމަވެސް އަމިއްލަ ގައުމަށް މަސައްކަތްތަކެއް ކޮށްދެވިދާނެކަން އަންގައިދެއްވުން ކަމަށާއި 16 އަހަރުގެ ދަރިފުޅު އަމިއްލަ އަށް އެފަދަ ކަމެއް ނިންމެވުމުން އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ނީނާ މަޖީދިއްޔާ ސްކޫލަށް ކިޔަވައިދެނީ: ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާ ކަމަށް ބުނި
ނީނާ މަޖީދިއްޔާ ސްކޫލަށް ކިޔަވައިދެނީ: ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާ ކަމަށް ބުނި

ނީނާ އަންނަ ސެޕްޓެމްބަރު މަހު އޭ ލެވެލް އަށް ކިޔަވާ ވިދާޅުވާން ފައްޓަވާނެ އެވެ. އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އަދި ނުލިބުނު ނަމަވެސް އިނގިރޭސި މާއްދާއިން އޭ ސްޓާއެއް ލިބޭނެ ކަމަށް އޭނާ އަށް ކިޔަވައިދެމުން އަންނަ ޓީޗަރުން ލަފާކުރައްވާ ކަމަށް އުގެއިލް ވިދާޅުވި އެވެ.

މި ހަތަރު ސްކޫލަށް ކިޔަވައިދޭން ބޭނުންވާ ލެސަންޕްލޭން ތައްޔާރުކުރެއްވީ ވެސް ބައްޕަގެ އެހީތެރިކަމާ އެކު ނީނާ އަމިއްލައަށެވެ. ސްކޫލުތަކަށް ކިޔަވައިދެއްވަމުން އަންނަނީ ވެސް ޓީޗަރެއްގައި އެހީއާ ނުލަ އެވެ. ލެސަންޕްލޭނާ އެކު އޭނާ ތައްޔާރުކުރެއްވި ޕްރެޒެންޓޭޝަންތައް ރަނގަޅުވެގެން އެ އެއްޗެހި ހޯދަން އެ ސްކޫލުތަކުން އެދިފައިވާކަން އުގެއިލް ފާހަގަކުރެއްވި އެވެ.

އުގެއިލްގެ ދަރިފުޅު ނީނާ ކަލާފާނު ސްކޫލުގައި ކިޔަވައިދެއްވަނީ
އުގެއިލްގެ ދަރިފުޅު ނީނާ ކަލާފާނު ސްކޫލުގައި ކިޔަވައިދެއްވަނީ

އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެން ސްކައިޕް މެދުވެރިކޮށް ނަމަވެސް ކިޔަވައިދެވޭނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އުގެއިލް ވިދާޅުވި އެވެ. އަދި މިއީ ދާއިމީ ގޮތެއްގައި އޭނާގެ ދަރިފުޅުގެ ފަރާތުން ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ލިބިގެންދާނެ އެހީތެރިކަމެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބައްޕައެކޭ އެއްގޮތަށް ނީނާގެ ޝައުގުވެރިކަން ވެސް ހުރީ ހިސާބާއި ކޮމްޕިއުޓާ ސައިންސްގެ ދާއިރާއަށެވެ. އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ރާއްޖެ އަށް އިތުރަށް ހިދުމަތްތަކެއް ކޮށްދެއްވުމަކީ އޭނާގެ މިހާރުގެ އެއް އަމާޒެވެ.