ބީއެމްއެލްގެ މުވަައްޒަފުންތަކެއް އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްވި މައްސަލައެއް އެ ބޭންކުން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހިޔާނާތުގެ ތުހުމަތު އެޅުނު މުވައްޒަފުން ހިންގާފައިވާ މުއާމަލާތްތައް، ބޭންކްގެ އެތެރޭގެ އޮޑިޓަރުން މިހާރު ގެންދަނީ ބަލަމުންނެވެ.
އެފަދަ ހިޔާނާތެއްގެ މައްސަލަ ފެންމަތިވެ، ބަލަމުންދާކަން ބީއެމްއެލުން ދޮގެއް ނުކުރެ އެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް އެބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ބޭންކްގެ އެތެރޭގެ މި ހިޔާނާތުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ދަނީ ފެތުރެމުންނެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެ ހިޔާނާތުގެ އަގު 8 މިލިއަން ރުފިޔާއަށް އަރަ އެވެ. އެކަމަކު އެ ތުހުމަތުގައި ހިމެނެނީ ކިތައް މުވައްޒަފުންކަމެއް އަދި އެ މީހުން ހިޔާނާތްވީ ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް، "މިހާރު"އަށް އެނގިފައެއް ނުވެ އެވެ.