މެލޭޝިޔާގެ ބަނދަރެއްގައި ދިވެހި އާގު ބޯޓެއް ހައިޖެކްކޮށް، ބިރު ދައްކައި މަރުގެ އިންޒާރު ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝީދު ވިދާޅުވިޔަސް އެއީ އެނގިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށް ދިވެހި ސަފީރު މުހަންމަދު ފަހުމީ ހަސަން ވިދާޅުވެއްޖެ އެވެ.

"މެލޭޝިޔާގައި އޮތް ބޯޓެއް ހައިޖެކް ކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް،" "މިހާރު"ން ދެންނެވި ސުވާލަކަށް ވައިބާ މެދުވެރިކުރައްވައި ފަހުމީ ވިދާޅުވި އެވެ. އެކަމަކު އެ މައްސަލާގައި އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ ތެރޭގައި، ދިވެހި ބޯޓެއް މެލޭޝިޔާގައި ހައި ޖެކްކޮށް އޭގައި ތިބި ފަޅުވެރިން މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި އެކަން ވަގުތުން ދިވެހި ހައިކޮމިޝަނަށް އެންގި ކަމަށެވެ. މި ވާހަކަތައް އޭނާ މަޖިލީހުގައި ދެއްކެވީ ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ބައެއް ސަފީރުން މަސައްކަތް ނުކުރައްވާ ކަމުގެ މިސާލު ދައްކަވަމުންނެވެ.

"މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މެރިން ޕޮލިހަށާއި ހައި ކޮމިޝަނަށް ވަގުތުން ދިން. އެއާއެކު ފުލުހުން އެކަމަށް ވަގުތުން އެޓެންޑްވި. ނަމަވެސް މަސް ދުވަސްވެގެން ދިޔައިރު، ހައި ކޮމިޝަނަރުގެ ފަރާތުން އެއްޗެކޭ ނުބުނި،" އޭނާ ވިދާޅުވި އެވެ.

އެހެންވެ އޭނާ ވަނީ ފަހުމީގެ އިސްތިއުފާ އަށް ވެސް ގޮވާލައްވައިފަ އެވެ.

"ސަފީރުން އައްޔަން ކުރަނީ ދިވެހިންނަށް ހިދުމަތް ކުރުމަށްޓަކައި. އެކަން ނުދަންނަ ސަފީރުންނާއި ވަޒީރުން އިސްތިއުފާ ދެއްވުމަށް ގޮވާލަން،" ނާޒިމް ވިދާޅުވި އެވެ.

މެލޭޝިޔާގައި ހައިޖެކް ކުރީ ކޮން ބައެއްގެ ބޯޓެއް ކަމެއް ނާޒިމް ވިދާޅެއް ނުވެ އެވެ. އަދި އެ މައްސަލައިގެ އެއްވެސް އިތުރު ތަފުސީލެެއް ވެސް އޭނާ ނުދެއްވަ އެވެ.