އިންޑިޔާގެ "އިންޑިގޯ" އެއާލައިންގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފި އެވެ.
އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން، ކޮޗިން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައީ އެއާބަސް އޭ320 މަތިންދާބޯޓެކެވެ. މި 130 މީހުންގެ ޖާގައިގެ ބޯޓުން ރާއްޖެ އައީ 50 މީހުންނެވެ. ބޮޑުބެރުގެ ސަގާފީ ހަރަކާތާއެކު އެ މީހުންނަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.
މިިދިޔަ މަހު އިންޑިޔާގެ އެއާލައިނެއް ކަމަށްވާ "ގޯ އެއާ" ގެ ދަތުރުތައް ވެސް ރާއްޖެ އަށް ވަނީ ފަށައިފަ އެވެ.
އިންޑިގޯގެ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއާލައިންގެ ނައިބު ރައީސް ސީންތިއާ ކްރެބިލް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަތުރުކުރާނެ ކަމަށެވެ. ކޮޗިންގެ އިތުރުން ބެންގަލޫރާއި މުމްބާއިއާ ދެމެދު ވެސް ދަތުރުތައް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުމްބާއީއާ ރާއްޖެއާ ދެމެދު ޑެއިލީ ކޮންމެ އަންގާރަ އަދި ބުރާސްފަތި ދުވަހަކު ދަތުރުކުރާނެ އެވެ. ބެންގަލޫރާ ދެމެދުގެ ދަތުރުތައް ވެސް އޮންނާނީ އެ ދުވަސްތަކުގަ އެވެ.
ސީންތިއާ ވިދާޅުވީ މަދު ބޯޓުތަކާއެކު ދަތުރުތައް ފެށިކަމުގައި ވިއަސް އެ ކުންފުނީގެ ދަތުރުތަކަށް 195 ބޯޓު ބޭނުންކުރާ ކަމަށެވެ. ކޮންމެ ދުވަހަކު 1300 ފްލައިޓު، އިންޑިޔާގެ 49 މަންޒިލަކަށާއި ބައިނަލްއަގުވާމީ 14 މަންޒިލަކަށް ދަތުރުކުރެ އެވެ.
"ކުރިއަށް އޮތް ތަނުގައި ދަތުރުތައް އިތުރުކޮށް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާން،" ސީންތިއާ ވިދާޅުވި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ހިންގުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހު ވިދާޅުވީ އިންޑިއާ އަކީ ދިވެހިންގެ އެކި ބޭނުންތަކާ ގުޅިފައިވާ ގައުމެއް ކަމަށް ވާތީ، އަލަށް ފެށި އެއާލައިންގެ ފައިދާ ގިނަ ދިވެހީންނަށް ކުރާނެ ކަމަށެވެ.
އެއާޕޯޓު އިތުރަށް ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަންތައް ނިމުމުން އިތުރު އެއާލައިންތަކަށް ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން، އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވަނީ ރާއްޖެއަށާއި ދިވެހީންގެ ހިތްހެޔޮކަމަށް ތައުރީފުކުރައްވައިފަ އެވެ. ހއ. އިން ފެށިގެން އައްޑުއާ ހަމައަށް ދަތުރުކުރައްވާފައިވާ ކަމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް މިޝްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގައި އުޅޭ ގިނަ ބަޔަކަށް، ރާއްޖެ ކުރިއަރަމުން އަންނަ ގޮތުގެ ގިނަ މައުލޫމާތު ނޭނގޭ ކަމަށެވެ. ހަމަ އެގޮތަށް، ގިނަ ދިވެހީންނަށް ވެސް އެނގެނީ އިންޑިޔާގެ ޓީވީތަކުން ދައްކާ ޑްރާމާތައް ކަމަށާއި އެކަމަކު އެއީ އިންޑިއާގެ ހަގީގީ މަންޒަރު ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިޔާއިން، ރާއްޖޭގެ ޓޫރިޒަމާ ގުޅޭ އެތައް މައުލޫމާތެއް ސާފުކުރަންޖެހޭ ކަމަށެވެ.
އިންޑިގޯ އަކީ މީގެ 12 އަހަރު ކުރިން އުފެއްދި އެއާލައިނެކެވެ. ރާއްޖެ އަކީ އެ އެއާލައިނުން ދަތުރުކުރާ ބައިނަލްއަގުވާމީ 13 ވަނަ މަންޒިލެވެ. މެލޭޝިއާގެ ކުއާލަލަމްޕޫރަށް ވެސް އެ އެއާލައިންގެ ދަތުރުތައް މިއަދު ހެނދުނު ވަނީ ފަށައިފަ އެވެ.