ދ. އަތޮޅުގައި ހަދަމުންދާ "މާގާ" ރިސޯޓުގެ ސްޓާފް ބަދިގޭގައި ގޭސް ލީކްވެ މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އަށް ބިދޭސީއަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގާފައިވަނީ އެ ރިސޯޓް ހުޅުވުމަށްޓަކައި ކުރަމުން ދިޔަ އިންސްޕެކްޝަނެއްގައި ރައިސް ކުކަރަކަށް ކަރަންޓް ދިން އިރު ކައްކާ ގޭސް ލީކުވެފައި ހުރުމުން، ހުޅު ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.
ގޭހުން އެރި އާވީގެ ސަބަބުން އަށް ބިދޭސީއަކު އެކި ވަރަށް، ފިހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެމީހުންނަށް ފ. ނިލަންދޫ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު އިތުރު ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް ރިސޯޓުގެ ފަރާތުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ފިހުނު މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
ހާދިސާގައި ބަދިގެ އަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ބަދިގޭގައި ހުރި ބައެއް ސާމާނަށާއި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވަނީ ތަޅައިގެންގޮސްފަ އެވެ. މި ހާދިސާގައި ހުޅުފަޅައިގެން ދިއުމުގެ ސަބަބުން އިމާރާތަށް އަލިފާނުގެ އަސަރެއް ކޮށްފައެއް ނުވެ އެވެ.