އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސީދާ ދިން ހަމަލާއެއް ކަމަށް ބުނެ، އެ ބިލު ވަގުތުން އަނބުރާ ގެންދަން އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ގޮވާލައިފި އެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބިލު ހުށަހަޅާފައި މިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ކުރި މުޒާހަރާއެއް ހުއްޓުވައި 16 ނޫސްވެރިއަކު ހައްޔަރުކޮށްފައި ވުމާއި މި ބިލާ ދެކޮޅަށް ކުރި މުޒާހަރާއެއް ވެސް ހުއްޓުވާފައި ވުމުގެ އިތުރަށް ނޫސްވެރިންނަށް ބިރު ދައްކައި ބައެއް މީޑިއާތައް ބަންދުކުރަން ޖެހުން އެމްނެސްޓީން ފާހަގަކުރި އެވެ.

އޮޅުން އަރައި އަދި އެކި ގޮތްގޮތަށް މާނަ ކުރެވޭ ކަންތައްތަކެއް ހުރި މި ބިލު ބޭނުންކޮށްގެން ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާއި ނޫސްތަކަށް އަމާޒުކޮށް ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު އެމްނެސްޓީން ދިނެވެ. އެ ޖަމާއަތުން ފާހަގަކުރި ގޮތުގައި ސަރުކާރުގެ އިސް އޮފިޝަލުންތަކަކާ ދެކޮޅަށް ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ބަލަމުންދާ ދަނޑިވަޅެއްގައި މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ އެ ވާހަކަތައް ދެއްކުން ހުއްޓުވާލަން ކަމަށް ބުނެ، މީޑިއާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ ގާނޫނުތަކާ އެމްނެސްޓީ އިންޓަނޭޝަލް އިން ދެކޮޅު ހަދަމެވެ. އަބުރާ ބެހުމާއި ގުޅުން ހުރި ކަންކަން އޮންނަން ވާނީ މަދަނީ މައްސަލަތަކެއްގެ ގޮތުގަ އެވެ،" ބަޔާނުގައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަޔާން ކުރާ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދިފާއުގައި ނޫސްވެރިންނާއި ފަންނުވެރިން ގުޅިގެން މިހާރު ކުރިއަށް ގެންދާ ކެމްޕެއިންގެ ޕޯސްޓަރެއް.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަޔާން ކުރާ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދިފާއުގައި ނޫސްވެރިންނާއި ފަންނުވެރިން ގުޅިގެން މިހާރު ކުރިއަށް ގެންދާ ކެމްޕެއިންގެ ޕޯސްޓަރެއް.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަދަ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުން، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އެތައް މުއާހަދާތަކުން ވެސް ސަރުކާރަށް ލާޒިމް ކުރާކަން އެމްނެސްޓީން ހަނދާން ކޮށްދިނެވެ. އެހެންވެ، މި ބިލު ވަގުތުުން އަނބުރާ ގެންގޮސް ނުވަތަ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް އިސްލާހު ކުރަން އެ ޖަމާއަތުން ގޮވާލި އެވެ.

"ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ އެހެން ފަރާތްތަކަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން އެއްވެސް ބިރެއް ނެތި ހިފޭނެ ފަދަ މާހައުލެއް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ތަނަވަސް ކޮށްދޭން ޖެހެ އެވެ،" ބަޔާނުގައިވެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ވަކި ޚަބަރުތަކެއް މީޑިއާތަކުން ގެނެސް ނުދެވޭ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލު ފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.

ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާތަކަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

މި ބިލާ ދެކޮޅަށް ނޫސްވެރިންނާއި ފަންނުވެރިން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، "27ގެ ދިފާއުގައި" ނަމުގައި ކެމްޕޭނެއް ފަށައި ބިލާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކޮށް، މި ބިލު ފާސްކުރުން ހުއްޓުވަން އަންނަނީ ބާރު އަޅަމުންނެވެ.