ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން ރައީސް އަބްދުﷲ ޔާމީން ހަގީގަތަކަށް ހައްދަވައި ދެއްވާފައިވާ ކަމަށާއި ފަސް އަހަރުން ހުރިހާ ކަމެއް ފުރިހަމަކޮށް ނުދެވޭނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިރޭ ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދޫގައި ޕީޕީއެމުން ބޭއްވި "އަހުންވެސް ރައީސް ޔާމީނާއެކު" ޖަލްސާގައި އަލީ އާރިފް ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތްތައް ނޫން ކަމަށާއި އެ އިމާރާތްތަކާ އެކު އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ތަރައްގީ އާއި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ. ވެރިކަމަށް ވަޑައިގަންނަވަން ރައީސް ޔާމީން ހުށަހެޅުއްވި މެނިފެސްޓޯގައި ކަންކަން ހިމެނުއްވުމަށް ފަހު ދޫކޮށްލެއްވީ ނޫން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެނިފެސްޓޯގައި ކަނޑައެޅި ވައުދުތަކުގެ ތެރެއިން ވެސް ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ރައީސް ޔާމީން ވަނީ ފުއްދަވައިދެއްވައިފަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް ޔާމީނަކީ ވިސްނުންތޫނު، ހިކުމަތްތެރި ލީޑަރެއް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ ދިވެހިންނަކީ ކިޔަމަންތެރި، ޝުކުރުވެރިވާން ދަންނަ، އެއްބައިވަންތަ އަދި އެކަކު އަނެކަކަށް އަޅާލާ ބައެއް ކަމަށެވެ. އެކަމަކު އެ ސިފަތައް، ހަނދާނުން ކައްސާލީ ޒާތެއްގެ ޑިމޮކްރަސީއަކާ ހެދި ކަމަށް ވިދާޅުވި އެވެ.
"ފާޑެއްގެ ޒާތެއްގެ ޑިމޮކްރަސީއެއް އައިސް އަޅުގަނޑުމެން އެކަކު އަނެކަކު ފިސާރި ބީރައްޓެހިކޮށްލައިފި. އަޅުގަނޑުމެން އެ މަޅީގައި ނުޖެހެމާތޯ،" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހިންނަށް ހެޔޮއެދިގެން ބޭރުން ބަޔަކު ނާންނާނެ އެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން އޮތުމުން، އެކަމާ މެދު ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށާއި އެކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިންގެ ބަޔަކު ވެސް ބައިވެރިވާ ކަމަށް ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖެ ގެންނަން ދިވެހިން ބޭނުން ނުވާ ކަމަށާއި ދިވެހިން ބޭނުން ވަނީ އިސްލާމްދީނުގެ މަތީގައި ދެމިތިބުމަށް ކަމަށެވެ.