ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން އާއްމުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ހާމަކުރާ މުއައްސަސާއަކަށް އިންފޮމޭޝަން ކޮމިޝަނުން ދޭ "ރަންވަނަ" ޝަރަފަށް ކުރިމަތިލާން އެ ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަބަކުރު ވިދާޅުވީ މިއީ މުއައްސަސާތަކުން އިސްނަގައިގެން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭން ބާރުއެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
ރަންވަނަ ހޮވާއިރު އެ މުއައްސަސާއެއްގެ ވެބްސައިޓުން ފެންނަ މައުލޫމާތާއި އެތަނެއްގެ އިސްވެރިން ފޯރުކޮށްދޭ މައުލޫމާތު އަދި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އާއްމުންނަށް މައުލޫމާތު ފޯރުކޮށްދޭ މިންވަރަށް ވެސް ބަލާނެ ކަމަށް އަޒީޒް ވިދާޅުވި އެވެ.
ރަންވަނައިގެ ގޮތުގައި ދޭން ހަމަޖައްސާފައިވަނީ ހަނދާނީ ފިލައެކެވެ. މި ވަނަ ދޭނީ ހަމައެކަނި ކުރިމަތިލާ މުއައްސަސާތަކަށެވެ.
ފަސް ދަރަޖައަކަށް ބަހާލައިގެން ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށް ދޭ ގޮތް ވެސް ދަރަޖަކުރާނެ ކަމަށް އަޒީޒް ވިދާޅުވި އެވެ. އެއީ ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތައް، މަތީ ގިންތީގެ ކޯޓުތައް، ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މިނިވަން މުއައްސަސާތައް، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ޔުނީފޯމް ހާއްސަކޮށްފައިވާ އިދާރާތަކެވެ.
ރަންވަނަ އިނާމު އަދި ގިންތި ކުރުންތައް އިއުލާނުކުރާނީ އަންނަ ސެޕްޓެމްބަރު މަހު 28 ވަނަ ދުވަހު ބާއްވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ޖަލްސާގަ އެވެ.